އީރާނުގެ އެންމެ އިސް ލީޑަރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ސައްޔިދު މުޖުތަބާ ޙުސައިނީ ޚާމަނާއީ، ފަހުގެ ހަމަލާތަކުގައި އޭނާގެ ބައްޕާފުޅާއި، އަނބިކަނބަލުންނާއި އަދި އާއިލާގެ ތުއްތު ކުއްޖަކު ޝަހީދުވެފައިވާކަން ހާމަކުރައްވައި، އެކަމުގެ ބަދަލު ހަރުކަށިކޮށް ހިފާނެކަމުގެ އިންޒާރު ދެއްވައިފިއެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމާ މުޚާތަބުކުރައްވައި ދެއްވި ފުރަތަމަ ޚިތާބުގައި މުޖުތަބާ ވިދާޅުވީ، މުޅި ގައުމު ހިތާމަކުރަމުންދާ އޭނާގެ ބައްޕާފުޅު (ކުރީގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ) ގެ އިތުރުން، އޭނާގެ ވަފާތެރި އަނބިކަނބަލުންނާއި، އުޚުތަކާއި އޭނާގެ ތުއްތު ދަރިފުޅު، އަދި ޅިޔަނެއްވެސް ޝަހީދުވެފައިވާ ކަމަށެވެ. މުޖުތަބާ ވިދާޅުވީ މި ބޮޑު ހިތާމައިގައި ކެތްތެރިވެވަޑައިގަންނަވަނީ މާތްﷲ ގެ ވާގިފުޅާއެކުގައި ކަމަށާއި، މި ހާދިސާތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމަތައް އޭނާއަށް ވަރަށް ގާތުން އިހުސާސްކުރެއްވޭ ކަމަށެވެ.

ބަދަލުހިފުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މުޖުތަބާ ވަނީ، ޝަހީދުވި ފަރާތްތަކުގެ ލޭގެ ބަދަލު ނުހިފައި ދޫކޮށްނުލައްވާނެކަމުގެ ޔަގީންކަން މުޅި ގައުމަށް ދެއްވާފައެވެ. އެގޮތުން ހަމައެކަނި ލީޑަރުގެ މަރަށް ބަދަލުހިފުމުގެ ބަދަލުގައި، ދުޝްމަނުންގެ ހަމަލާތަކުގައި ޝަހީދުވި ކޮންމެ ރައްޔިތެއްގެ މައްސަލައަކީ ވަކިން ބަދަލުހިފަންޖެހޭނެ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް، މީނާބުގެ ޝަޖަރަތުއް-ޠައްޔިބާ ސްކޫލަށް ދިން ހަމަލާފަދަ ކުޑަކުދިންނަށް އަމާޒުކުރި ލާއިންސާނީ ހަމަލާތަކުގެ ބަދަލު ވަރަށް ހަރުކަށިކޮށް ހިފާނެކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

އަސްކަރީ ފިޔަވަޅުތަކަށް އަލިއަޅުވާލައްވަމުން، ހުރުމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން އެގޮތުގައި ދެމެހެއްޓުމަށާއި، ދުޝްމަނުންނަށް އުންމީދުނުކުރެވޭ ފަދަ އާ ފްރަންޓުތަކެއް ހުޅުވުމުގެ ދިރާސާތައް ނިމިފައިވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން، އީރާނާ އިންވެގެންވާ 15 ގައުމަކަށް އޭނާ ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އެގޮތުން، އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ވަގުތުން ބަންދުކުރުމަށް ގޮވާލައްވައި، އީރާނަށް ހަމަލާދޭން އެ ތަންތަން ބޭނުންކުރާނަމަ، އީރާނުން ދެމުންގެންދާ ހަމަލާތައް އެ ބޭސްތަކަށް އަމާޒުކޮށް ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.

ޚިތާބު ނިންމަވާލައްވަމުން މުޖުތަބާ ވަނީ އީރާނުގެ އެތެރޭގެ ކަންކަމަށްވެސް އަމާޒުކުރައްވާފައެވެ. އެގޮތުން ހަމަލާތަކުގައި އަނިޔާވި ފަރާތްތަކަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށާއި، މުދަލާއި ގެދޮރަށް ލިބުނު ގެއްލުންތަކުގެ ބަދަލު ސަރުކާރުން ދޭނެކަން ކަށަވަރުކޮށްދެއްވިއެވެ. އަދި ދުޝްމަނުންގެ އަތުން މި ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށާއި، އަމިއްލަ އިޚްތިޔާރުގައި ބަދަލު ނުދީފިނަމަ އެމީހުންގެ މުދާތައް ހަލާކުކޮށްލައިގެން ނަމަވެސް ބަދަލު ހިފާނެ ކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.