ރާއްޖެއަށް ބޭނުންވާ ތެލުގެ އާ ޝިޕްމަންޓެއް އަންނަ ހަފްތާގައި ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ. އެ ކުންފުނީގެ އޮފިޝަލަކު އޮންލައިން ނޫސް "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާއަށް ބޭނުންވާ ވަރަށް މިވަގުތު ރާއްޖޭގައި ތެޔޮ ރައްކާކުރެވިފައި އެބަހުރި ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި، ހާއްސަކޮށް މި މަހުގެ 20 އަދި 23 ވަނަ ދުވަހު ތެލުގެ އާ ޝިޕްމަންޓްތައް ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ޕެޓްރޯލާއި ޑީސަލްގެ އިތުރުން ފިއުލް އޮއިލް އަދި ޖެޓް ފިއުލްގެ އަގު ވެސް 100 ޕަސެންޓަށް އުފުލިފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް އެސްޓީއޯއިން މިވަގުތު ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދަނީ 16.01 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 17.54 ރުފިޔާއަށެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް ސަރުކާރުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ސަރަހައްދު ކަމަށްވާ މެދުއިރުމަތީގެ މަގުތައް ބަންދުވެފައި އޮތުމުން، ކައިރި އެހެން ގައުމުތަކުން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު މަގުތައް ކަށަވަރު ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ.