މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީ ބޮޑުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ބުނެފިއެވެ. އެ ކުންފުނިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު ކުރިއަށް ނުގެންދާ ކަމަށާއި، އެއީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ފީ ބޮޑުކުރުމުގެ ބަދަލުގައި އެމްޕީއެލްގެ އަމާޒަކީ އޮޑިވެރިންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް، ނޯތު ހާބަރުގެ 'އޭ ޒޯން' ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން، މުދާ އުފުލާ ބޯޓުފަހަރުތައް ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަކުރުމަށްޓަކައި، އިއްޔެ (މި މަހުގެ 14 ވަނަ ދުވަހުން) ފެށިގެން އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

މަސްވެރިކަން ކުރާ އުޅަނދުތަކަށް ޚާއްސަކޮށްފައިވާ ނޯތު ހާބަރުގެ ޑީ، އީ އަދި އެފް ޒޯން ބޭނުންކުރާ އުޅަނދުތަކުން މިހާރުވެސް ފީއެއް ނުނަގާކަން އެމްޕީއެލްއިން ފާހަގަކުރިއެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށްފަހު މި ޒޯންތައް އަލުން ހުޅުވާލިއިރު ގެނައި ހަމައެކަނި ބަދަލަކީ، ސަރުކާރުގެ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައި ނުވާ އުޅަނދުތަކަށް އެ ސަރަހައްދު ބޭނުންނުކުރެވޭ ގޮތް ހެދުމެވެ. ނޯތު ހާބަރަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާތީ، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.