މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް އިންކަމް ޓެކުހުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ދެ މަހު އިންކަމް ޓެކުހުގެ ގޮތުގައި ޖުމްލަ 1.37 ބިލިޔަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 975.5 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 41.1 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ދައްކާފައިވާ ޓެކުހުންނެވެ. އެގޮތުން މި ފަރާތްތަކުން ޓެކުހުގެ ގޮތުގައި 635.7 މިލިޔަން ރުފިޔާ ދައުލަތަށް ދައްކާފައިވެއެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 684.1 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 7 އިންސައްތައިގެ ދަށްވުމެކެވެ.

ކުންފުނިތަކުން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީރާގެ ހިސާބުތައް ދައްކާ ގޮތުން، މި ފަރާތްތަކުގެ އަތުން ދައުލަތަށް 181.1 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 200 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.