މި ވާހަކަތައް އެންމެ ފުރަތަމަ ފެތުރެން ފެށީ މި މަހުގެ ކުރީކޮޅުގައެވެ. ބައެއް މީޑިއާތަކުން މި ހަބަރު ރިޕޯޓުކުރުމަށްފަހު ފަހުން ވަނީ އެ ހަބަރު އަނބުރާ ގެންގޮސްފައެވެ. އީރާނަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ ނަތަންޔާހޫ މަރައިލާފައިވާ ކަމަށެވެ. އަދި އޭނާ އާންމުންގެ ތެރެއިން ނުފެންނާތީ އާއި، ތެލް އަވީވްގެ ސަލާމަތީ ކަންކަމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން މި ޝައްކުތައް ވަނީ ބޮޑުވެފައެވެ.

މި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ނަތަންޔާހޫގެ އޮފީހުން ވަނީ މާޗް 15 ވަނަ ދުވަހު ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ނަތަންޔާހޫ ކެފޭއެއްގައި އިނދެ ކޮފީއަކަށް އޯޑަރު ދޭ މަންޒަރެވެ. މި ވީޑިއޯގައި އޭނާ ވަނީ އޭނާ މަރުވެއްޖެ ކަމަށް ބުނާ އަޑުތަކަށް މަލާމާތްކޮށް، އޭނާ ހުރީ ގަދަވެ ސަލާމަތުން ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ އަތް ދައްކައި، އެއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ "ޑީޕް ފޭކް" އެއް ނޫންކަން ސާބިތުކޮށްދޭން މަސައްކަތް ކުރިއެވެ.

ނަމަވެސް، މި ވީޑިއޯ އާންމުކުރުމުން ޝައްކުތައް ފިލައިގެންނެއް ނުދިޔައެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޭކް ވީޑިއޯއެކެވެ. ބައެއް އޭއައި ޓޫލްތަކުން ބުނާ ގޮތުގައި މި ވީޑިއޯގެ 96.9 ޕަސަންޓަކީ އޭއައި އެވެ. ވީޑިއޯގައި ފެންނަ އޭނާގެ އަތުގެ ހަރަކާތްތަކާއި، އަލި ހުރި ގޮތުން އެއީ އަސްލެއް ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ ފެށިފައެވެ.

އިޒްރޭލުގެ ރަސްމީ ފަރާތްތަކުން ބުނީ ނަތަންޔާހޫ މަރުވި ކަމަށް ބުނެ ފެތުރެނީ "ފޭކް ނިއުސް" ކަމަށެވެ. ނަތަންޔާހޫ ހުރީ ގަދަވެ ސަލާމަތުން ކަމަށާއި އޭނާ ދަނީ އަމަލީ ގޮތުން މަސައްކަތުގައި އުޅެމުން ކަމަށް އިޒްރޭލުން ބުނެއެވެ. މިއީ ހަނގުރާމައިގެ ތެރޭގައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދުޝްމަނުން ކުރާ މަސައްކަތެއް ކަމަށް އޮފީހުން ބުންޏެވެ.

މި ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ މަސްރަހަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. އޭއައި ފަދަ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ހަގީގަތާއި ދޮގު ވަކިކުރަން އުނދަގޫވެފައިވާ މި ދަނޑިވަޅުގައި، ނަތަންޔާހޫގެ ހާލަތާ މެދު އޮތް ޝައްކުތައް އަދިވެސް ދަނީ އިތުރުވަމުންނެވެ. މިހާތަނަށް އެއްވެސް މިނިވަން ފަރާތަކުން އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.