ހަޤީގީ ކާމިޔާބު އަމިއްލައަށް ހާޞިލްކުރުމަށް މަސައްކަތް ކުރާ ކޮންމެ މީހަކުވެސް ވިސްނާލަން ޖެހޭ ކަމަކީ، ކާމިޔާބަކީ އޭނާގެ އަމިއްލަ މަސައްކަތުން އެކަނި ހޯދާ އެއްޗެއް ނޫންކަމެވެ. ނަމަވެސް އެއީ އެ މީހެއްގެ ވަށައިގެން މަސައްކަތް ކުރާ އޮފީހުގެ އެކުވެރިންނާއި، ގާތް ރަހުމަތްތެރިންނާއި އަދި އެކުގައި ވަގުތު ހޭދަކުރާ މީހުންގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ސަބަބެވެ. ކުރު ގޮތަކަށް ބުނާނަމަ، ކޮންމެ މީހެއްގެވެސް ލަފާއަރުވާ ކޮމިޓީގެ އެހީތެރިކަމެވެ.

ކަން މިހެން އޮތްއިރު، މި ލަފާ އަރުވާ ކޮމިޓީގައި ތިބެންވާނީ ވަރަށް ޤާބިލް ބަޔަކަށް ވާން ޖެހެއެވެ. ކޮމިޓީގެ ފުރަތަމަ މެންބަރަކީ އަބަދުވެސް އެ މީހާ ކުރަން އުޅޭ ކަންތައްތަކަށް ހިތްވަރުދޭ މީހަކަށް ވާންޖެހެއެވެ. އާންމުގޮތެއްގައި ކޮންމެ މީހަކަށްވެސް އެންމެ ބޮޑު ހިތްވަރެއް ދޭން ހުންނާނީ އެމީހެއްގެ މަންމަ ނުވަތަ ހަޔާތުގެ ބައިވެރިޔާއެވެ.

ހަމައެއާއެކު، ކޮމިޓީގެ ދެވަނަ މެންބަރަކީ ތިމާ ކުރަން ވިސްނާ ކަންތައްތަކަށް ޗެލެންޖް ކޮށް ކަންކުރުމަށް ހިތްވަރުދޭ މީހަކަށް ވާންޖެހެއެވެ. އަދި ބައެއްފަހަރު ކުރަން ނުކުންނަ ކަންތައްތަކާ ބެހޭގޮތުން ތަފާތު ސުވާލުތައް އުފައްދާ އިތުރު ނަޒަރަކުން ކަމުގެ ބޮޑު މަންޒަރަށް ބަލާ މީހަކުވެސް  މި ކޮމިޓީގައި ހުރުން މުހިންމެވެ.

ދުނިޔޭގެ އިޤްތިޞާދީ ފޯރަމްގެ ފަރާތުން ހިއްސާކުރި ގޮތުގައި، ތިމާއާއެކު އެންމެ ގިނަ ވަގުތު ހޭދަ ކުރާ މީހުންނަކީ އެއްދާއިރާއެއްގެ ނުވަތަ އެއް އޮފީހެއްގައި މަސައްކަތްކުރާ ބަޔަކަށްވުމަށްވުރެ ތަފާތު ދާއިރާތަކުގައި ތަފާތު މަސައްކަތް ކުރާ މީހުންނަށް ވުން މުހިންމެވެ. އެހެންނޫންނަމަ އެންމެންގެ ވިސްނުން އަބަދުވެސް ބަންދުވެފައި ހުންނާނީ އެއް ފޮއްޓެއްގެ ތެރޭގައެވެ. މީގެ އެންމެ ރަނގަޅު އެއް މިސާލަކީ ވަޑާންގެއެއްގެ މިސާލެވެ. ވަޑާންގެއެއްގައި ބޭނުން ކުރަނީ އެންމެ ވައްތަރެއްގެ ސާމާނެއް ނޫނެވެ. އެތައް ސައިޒެއްގެ ކަށިގަނޑެވެ. ބޮޑު މަރުތޭލާއި ކުޑަ މަރުތޭލެވެ. އެކި ވައްތަރުގެ ލޯވަޅު އަޅާ ކަށި ހުންނަ ބުރުމާއެވެ. ހަމައެކަނި މަރުތެޔޮ ހުންނަ ވަޑާންގެއެއްގައި ޖަހާނީ މޮހޮރު އެކަންޏެވެ. އިތުރު އެއްވެސް ކަމެއް ނުކުރާނެއެވެ.