ބުޅަލަށް އަނިޔާކުރާ މީހުން 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާނެކަމުގެ އިންޒާރު ދީފިއެވެ.

މި އިންޒާރު މިނިސްޓްރީން ދީފައި މިވަނީ، ބުޅަލެއްގެ ކަރުގައި ވާގަނޑެއް އައްސައިގެން ވަރަށް އަނިޔާވެރިކޮށް ބިންމަތީގައި ދަމާފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެފަދަ އަމަލުތައް ހިންގާ މީހުންނަށް އަދަބު ދިނުމަށް ގޮވާލާފައެވެ.

ދާދި ފަހުން އަމަލުކުރަން ފެށި ޖަނަވާރު ގެންގުޅުމާއި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ މީހުންނަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. އެ ގާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، އަނިޔާކުރާ މީހުން 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޭގައި ގެންގުޅޭ ބުޅާ ފަދަ ތަކެތި ބެލެހެއްޓުމެއް ނެތި މަގުމައްޗަށް ދޫކޮށްލާ މީހުން ވެސް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ބުންޏެވެ.

ޖަނަވާރުންނަކީ ވެސް އިންސާނުން ފަދައިން ތަދު އަދި ބިރު އިހުސާސްކުރެވޭ ފުރާނަ ހުރި ތަކެތި ކަމަށް ވާއިރު، އެތަކެއްޗަށް އޯގާތެރިވުމަކީ އިސްލާމީ ރިވެތި އާދަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ގާނޫނުން ވެސް މިހާރު ވަނީ ޖަނަވާރުންނަށް ބޭނުންވާ އަސާސީ ފަސް ހައްގެއް ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި ހައިހޫނުކަމާއި ބިރުގަތުމުން ސަލާމަތްވެ ތިބުމުގެ ހައްގު ހިމެނެއެވެ.

އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ވަނީ ބުޅާތަކަށް އަނިޔާކުރާ މަންޒަރު ފެނިއްޖެ ނަމަ، ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓު ކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ. އަދި މުޖުތަމައުގެ ހުރިހާ އެންމެން ވެސް ޖަނަވާރުންނަށް އޯގާތެރިވުމަށް ވަނީ ގޮވާލާފައެވެ.