މަސްވެރިންގެ ޕާކުގައި ތިބި ކުޑަކުދިންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނި ގޮތުގައި އާންމު ތަނެއްގައި ކުޑަކުދިންތަކެއް އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ސަރަހައްދަށް ގޮސް، އެ ކުދިން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ވަނީ ގެންގޮސްފައެވެ. އަދި ރޭގެ ވަގުތެއްގައި އެ ކުދިން ވަނީ ބެލެނިވެރިންނާ ހަވާލުކުރެވިފައެވެ. ފުލުހުން ބުނީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި ފިޔަވަޅު އެޅުމަކީ އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ.
ނަމަވެސް މި ހާދިސާއާ ގުޅިގެން ބެލެނިވެރިއަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ބެލެނިވެރިޔާ ބުނީ 21:30 އަކީ ދަންވަރު ނޫން ކަމަށާއި، ކުށްވެރިންނާ މެދު އަމަލުކުރާ އުސޫލުން ކުދިން ފުލުސް އޮފީހުގައި ބޭންދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބެލެނިވެރިންނަށް ގުޅިޔަނުދީ ފުލުސް އޮފިސަރަކު އިންޒާރު ދިން ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.
