ސޯސަލް މީޑިއާ ހެކްކޮށް 2 ލައްކަ ރުފިޔާ ސްކޭމްކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ސްކޭމް ހިންގާފައި ވަނީ ގިނަ ބަޔަކު ބައިވެރިވެގެން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހާގެ އެކައުންޓަށް 25,000 ރުފިޔާ ޖަމާވެފައިވާ ކަމަށާއި، އޭނާ ވަނީ އޭޓީއެމް މެދުވެރިކޮށް އެ ފައިސާ ނަގާފައިވާ ކަމަށް ފުލުހުން އޮފީހުން ބުންޏެވެ. ފައިސާ ނެގުމަށްފަހު އިތުރު މީހަކާ ހަވާލުކުރި ކަމަށް އޭނާ ބުނެފައިވާ ކަމަށާއި، ތަހުގީގަށް އެއްބާރުލުންދޭ ކަމަށް ކޯޓުގައި ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ސްކޭމްގެ ތަފާތު މައްސަލަތައް އިތުރުވަމުންދާތީ، ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ފައިސާ ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
