ހުސްވި ޖޫންމަހު ޕާކިސްތާނުގެ ލަހޫރ ގައި ދިން ކާރު ބޮމުގެ ހަމަލާގެ ފަހަތުގައި ތިބީ އިންޑިއާ އަސްކަރިއްޔާގެ އިންޓެލިޖެންސް ކަމަށް ޕާކިސްތާނުގެ ޤައުމީ ދިފާއީ ބާރުގެ އެޑްވައިޒަރ، މައީދު ޔޫސުފް ތުހުމަތު ކޮށްފިއެވެ. އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައީދު ޔޫސުފް ހާމަކުރިގޮތުގައި ހަމަލާގެ ތަހުގީގުން ހާމަވީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވީ އިންޑިއާގެ އަސްކަރިއްޔާގެ އިންޓެލިޖެންސް އޭޖެންސީ – ރޯވ ގެ މީހެއް ކަމަށެވެ.

މި ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ އިންޑިއާއާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތުގެ ލީޑަރ ހާފިޒް ސައީދުގެ ގެ ކައިރީގައެވެ. ހާފިޒް ސައީދަކީ 2008 ވަނަ އަހަރު މުމްބާއީގައި ދިން ވަރުގަދަ ބޮމުގެ ހަމަލާތަކުގެ ފަހަތުގައި އިސްކޮށް ހުރި މީހާކަމަށް މީގެ ކުރިން އިންޑިއާއިން ވަނީ ތުހުމަތު ކޮށްފައެވެ.

ޒަމާނުއްސުރެ އިންޑިއާ އަދި ޕާކިސްތާނުގެ ދެމެދު މިފަދަ ތުހުމަތުތައް ދަނީ ބަދަލު ކުރެވެމުންނެވެ. 2019 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭ ޕާކިސްތާނުން ވަނީ އެ ގައުމުގެ ޖައްވީ ބޯޑަރުގެ އެތެރޭ އުދުހުނު އިންޑިއާގެ 2 އަސްކަރީ ޖެޓް ވައްޓާލާފައެވެ. ނަމަވެސް އޭރު ދެ ގައުމުގެ ދޭތެރޭ ހިނގި ޚާރިޖީ ހަމަނުޖެހުންތައް ވަނީ މަޝްވަރާތަކަކަށް ފަހު ކުޑަކޮށްފައެވެ.