ފެރީތަކަށާއި މަސްވެރިންނަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު އެސްޓީއޯ އިން ހަމަޖައްސައިފިއެވެ.
އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕަބްލިކް ފެރީ އާއި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނެ ކަމަށެވެ. މީގެ އިތުރުން "މަސްވެރިންނަށް ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން މަސްވެރިންނަށް ވެސް ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮ ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދިނެވެ. މި ބަދަލުތަކާއެކު، ރަށްރަށުގައި އެސްޓީއޯ އަތުން ތެޔޮ ގަނެގެން ޝެޑް ހިންގާ ފަރާތްތަކަށް ވެސް ކުރީގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ނިންމުމުގެ މައިގަނޑު މަގްސަދަކީ އާންމު ރައްޔިތުންނަށް މާލީ ގޮތުން ބުރައަކަށް ނުވާނެހެން ޕެޓްރޯލާއި ޑީސަލް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އެސްޓީއޯ އިން ފާހަގަކުރެއެވެ. މިވަގުތު މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ލިބެން ހުރިއިރު، ޑީސަލް ލީޓަރެއްގެ އަގު ހުރީ 17.54 ރުފިޔާގައެވެ. މިއީ ދަތުރުފަތުރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
