މެދުއިރުމަތީގެ ހަނގުރާމައާއެކު ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތައް 166 އިންސައްތަ އިތުރުވެއްޖެއެވެ،
މިގޮތަށް ޖެޓުތައް އިތުރުވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ގައުމުތަކުގައި ތިބި މަހުޖަނުން، ހަނގުރާމައިގެ ނުރައްކަލުން ސަލާމަތްވުމަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިހުތިޔާރު ކުރުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދުވާލަކު އެވްރެޖުކޮށް 5 ޖެޓު އައި ނަމަވެސް، މި އަހަރު މި އަދަދު ވަނީ 12 އަށްވުރެ މައްޗަށް އަރާފައެވެ. މި މަހުގެ 4 ވަނަ ދުވަހަކީ އެންމެ ގިނައިން ޖެޓު އައި ދުވަހެވެ. އެ ދުވަހު އެކަނިވެސް 19 ޕްރައިވެޓް ޖެޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވެއެވެ.
އެމްއޭސީއެލްގެ ހިސާބުތަކުން އެނގޭގޮތުގައި ޖެޓުތައް އަންނަ މިންވަރު އިތުރުވުމާ އެކު، ރާއްޖެއިން ފުރާ ޖެޓުތަކުގެ އަދަދު ވެސް ވަނީ މަތިވެފައެވެ. އެގޮތުން މި މުއްދަތުގައި 181 ޖެޓު ރާއްޖެއިން ފުރާފައިވެއެވެ. މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަކީ އަމާން އަދި ސަލާމަތްތެރި ގައުމެއްގެ ގޮތުގައި ދުނިޔޭގެ މުއްސަނދިން ގަބޫލުކުރާކަން މި ތަފާސްހިސާބުތަކުން ހާމަވެއެވެ.
