ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް މުއިއްޒު އަންގަވައިފިއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. މި މެސެޖުގައި، ނިޔާވި މީހުންގެ އާއިލާތަކަށާއި ބަންގްލަދޭޝްގެ ސަރުކާރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ފުން ހަމްދަރުދީއެއް ފާޅުކުރައްވާފައެވެ. އަދި ހާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.
ރައީސްގެ މެސެޖުގައި ދިވެހި މުޖުތަމައުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، އެއީ އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކަމަށް ވިދާޅުވިއެވެ. މިފަދަ ބޮޑު ހިތާމައެއް ކުރިމަތިވި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ބަންގްލަދޭޝްގެ ރައްޔިތުންނާއެކުކަން ހާމަކުރައްވަމުން، މި ހާދިސާގެ ތަހުގީގު އަވަސްކޮށް، ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
