އެމްޕީއެލް އިން އިއްޔެ 4،985 ޓަނުގެ މުދާ ކްލިއާކޮށްފިއެވެ. ރޯދަ މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކުރާ މުދާ އިތުރުވެފައިވާ ދަނޑިވަޅެއްގައި މިއީ އެއް ދުވަހެއްގެ ތެރޭގައި ދޫކުރި ގިނަ އަދަދެއްގެ މުދަލެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެ ދޫކުރި މުދަލުގެ ތެރޭގައި ކޮންޓެއިނަރާއި ކޮންވެންޝަނަލް ކާގޯ ހިމެނެއެވެ. މިގޮތުން ޖުމްލަ 240 ކޮންސައިންމެންޓެއްގެ މުދާ އިއްޔެ އެކަނި ވެސް ވަނީ ކްލިއާކޮށްފައެވެ.
އިއްޔެ އެންމެ ގިނައިން ކްލިއާކޮށްފައިވަނީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ފިޔާ، ކަރާ، އަދި އަލުވިއެވެ. މިގޮތުން 2878 ބަސްތާ ފިޔާ، 2553 ބަސްތާ ކަރާ އަދި 1088 ބަސްތާ އަލުވި ވަނީ ކްލިއާކޮށްފައެވެ.
މީގެ އިތުރުން ދޮންކެޔޮ، ޓޮމާޓޯ، ކެބެޖް، ބަރަބޯ އަދި ކިއުކަމްބާ ފަދަ ގިނަ ބާވަތްތަކެއްގެ ތަކެތި ވެސް ވަނީ ބާޒާރަށް ދޫކޮށްފައެވެ. އެގޮތުން 780 ބަސްތާ ދޮންކެޔޮ އަދި 654 ބަސްތާ ޓޮމާޓޯ ވަނީ ކްލިއާކޮށްފައެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް މާލޭ ވިޔަފާރި ބަނދަރުން ގިނަ އަދަދެއްގެ މުދާ އެތެރެކުރެއެވެ. އަދި އާންމުކޮށް ބޭނުންކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ މިންވަރު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
