ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ރާއްޖޭގެ އިމިގްރޭޝަނުން ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 40 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކްކޮށްފިއެވެ. މި މަހުގެ 14 އަދި 15 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތަކީ މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްކަން ކަށަވަރު ކުރުމަށް ފެށި މަސައްކަތެކެވެ.
މި އޮޕަރޭޝަންގެ ތެރެއިން ބަލައި ފާސްކުރި މީހުންގެ ތެރެއިން ދެ ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ މީހުން ހިފަހައްޓާފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މައްސަލައިގައެވެ.
މި އޮޕަރޭޝަންތަކުގެ މައިގަނޑު ބޭނުމަކީ ބިދޭސީންނާ ގުޅޭގޮތުން ހުރި މައްސަލަތައް ހައްލުކޮށް، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންނަކީވެސް އިމިގްރޭޝަންގެ ގާނޫނުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކަށް ބޯލަނބާ ބައެއްކަން ކަށަވަރު ކުރުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި އިތުރު މޮނިޓަރިން ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ފަށާފައިވާ ހަރަކާތުގެ ތެރެއިން، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި އަންނަނީ ކުރަމުންނެވެ.
