ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެކުލަވާލުމަށް ކުރަންޖެހޭ ރަސްމީ މަޝްވަރާތައް ފެށުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) ގައި ސޮއިކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އިންޑިއާ ސަރުކާރުންނެވެ.

މި ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ މުއާހަދާއެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް އެއްބަސްވެފައިވަނީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

އިންޑިއާގެ ކޮމާސް މިނިސްޓްރީން އިއްޔެ ބުނީ، ރާއްޖެއާއެކު އެކުލަވާލާ އެފްޓީއޭގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތުގެ އޮނިގަނޑާއި އުސޫލުތައް ކަނޑައަޅައި، އެކަމާ ގުޅޭ ޓީއޯއާރުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖޭން މިހާރު އަންނަނީ ޗައިނާއާއެކު ގާއިމުކޮށްފައިވާ އެފްޓީއޭއަށް އަމަލުކުރަމުންނެވެ. މީގެ އިތުރުން، ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމުގެ ގޮތުން ތުރުކީއާއެކުވެސް ރާއްޖޭން ވަނީ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ.