މ. ދިއްގަރުގައި ސަރުކާރުން ކުރިއަށް ގެންދާ 75 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް އެމްޓީސީސީން ފަށައިފިއެވެ. މި މަޝްރޫއަކީ އެ ރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
އެމްޓީސީސީން ބުނީ ދިއްގަރުގައި ހައުސިން ޔުނިޓުތައް އެޅުމަށްޓަކައި މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އެޅުމަށް ބިން ކޮނުމުގެ މަސައްކަތްތައް ކަމަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެއެވެ. މި ޔުނިޓުތަކުގައި 3 ކޮޓަރިއާއި، 3 ފާހާނާއާއި، ސިޓިން ރޫމުގެ އިތުރުން ބަދިގެއާއި، ކާގެއާއި، ލޯންޑްރީ އަދި ސްޓޯރޫމެއް ހިމެނޭނެ ކަމަށް އެ ކުންފުންިން ބުންޏެވެ.
ދިއްގަރަކީ ގާތްގަނޑަކަށް 1،300 މީހުންގެ އާބާދީއެއް އޮންނަ، އެކަމަކު ބިމުގެ ގޮތުން އެންމެ 10 ހެކްޓަރުގެ ކުޑަ ރަށެކެވެ. ރަށުގެ ބޮޑު ބައެއް ގިރަމުން ދިއުމާއި ބިމުގެ ޖާގަ ކުޑަވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ދިރިއުޅުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
ރަށުގެ ބިމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މީގެ ކުރިން ވަނީ 25 ހެކްޓަރުގެ ބިން ހިއްކާފައެވެ. އަދި ބިން ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި 700 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓަކާއި 138 މީޓަރުގެ ބޭރުތޮއްޓެއްގެ އިތުރުން 332 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއް ޖަހާފައިވެއެވެ.
މި ހައުސިން ޔުނިޓުތައް ނިމުމުން، ބިން ހިއްކި ސަރަހައްދުގައި އާ އާބާދީއެއް އާލާވެ، ރަށުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރަށުގެ ރައްޔިތުން އުއްމީދު ކުރެއެވެ.
