ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށެވެ.

ގުރައިދޫ އެއާޕޯޓު ތަރައްކީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން ބުނީ މުޅި މަޝްރޫއުގެ 70 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުން 13.80 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރަނީ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތެވެ.

އެގޮތުން 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރިވެޓްމެންޓު ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްޓީސީސީގެ އަމާޒަކީ މި މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމެވެ.

ގުރައިދޫ އެއާޕޯޓު ތަރައްކީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްއޭސީއެލް އާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ބިން ހިއްކުމާއި ހިމާޔަތް ކުރުމުގެ ބައި އެމްޓީސީސީން ކުރާއިރު، އެއާޕޯޓުގެ އެހެން މަސައްކަތްތައް ކުރާނީ އެމްއޭސީއެލް އިންނެވެ.

ތ. ގުރައިދޫ އަކީ 1300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި އެއާޕޯޓު ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.