ފުވައްމުލައް ސިޓީގެ ފައުންޑޭޝަން ސްކޫލު ކައިރީގައި ހުރި ވެހިކަލްތަކެއްގައި މިއަދު އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މި ހާދިސާގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ފަޔަ ފައިޓަރުން ވަނީ މިހާރު ކޮންޓްރޯލް ކޮށްފަ އެވެ.
މި ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބުނީ މިއަދު މެންދުރު 12:00 ހާއިރު އެވެ. ރިޕޯޓު ލިބުމާ އެކު ފުވައްމުލައް ފަޔަ ސްޓޭޝަނުގެ ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށައިފަ އެވެ.
ސިފައިން ބުނީ ފަޔަ ފައިޓަރުން ކުރި މަސައްކަތުން ވެހިކަލްތަކުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު މެންދުރު 12:50 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކުކޮށްފައި ހުއްޓެވެ.
މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ސިފައިން ބުންޏެވެ. ނަމަވެސް، އަލިފާން ރޯވި ވެހިކަލްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ވެހިކަލްތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ސާފެއް ނުވެ އެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ބަލަމުންނެވެ.
