މާލޭގެ ގަލޮޅު ސަރަހައްދުގައި ހުންނަ ގުދަނެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް އެގޭގެ މީހުން ތުހުމަތުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުވަފެނީ ގޯޅީގައި ހުންނަ ގ. ހިޔާރޯދި ގޭގައި ހުރި ދެ ފަންގިފިލާގެ ގުދަނެއްގައެވެ.

އެމްއެންޑީއެފް އިން ބުނީ މި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 10:57 ހާއިރު ކަމަށެވެ. އަދި ސިފައިން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 11:52 ހާއިރު ކަމަށް އެ އޮފީހުން ބުންޏެވެ. މި ހާދިސާގައި އެ ގުދަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބެލިއިރު، އަލިފާން ރޯވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން މީހަކު އެ ގެއަށް ވަދެފައިވާކަން ވަނީ ފާހަގަވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ހެނދުނު 10:33 ހާއިރު ވޭވް ސައިކަލެއްގައި އައި ފިރިހެނަކު އެ ސަރަހައްދުގައި ސައިކަލު ޕާކު ކުރުމަށްފަހު އެ ގެއަށް ވަދެއެވެ. އެމީހާ އެ ގޭގައި ގާތްގަނޑަކަށް ހަތް މިނެޓު ހޭދަކުރުމަށްފަހު ނުކުމެގެން ދަނީ 10:39 ގައެވެ.

އެމީހާ ނުކުތްތާ މިނެޓެއް ނުވަނީސް އެ ގޭގެ ތެރެއިން ދުން އަރަން ފެށި ކަމަށް ވީޑިއޯއިން ފެނެއެވެ. ބޭރުގައި މަސައްކަތް ކުރަން ތިބި ބިދޭސީންނަށް ދުން ފެނިގެން ހަޅޭލަވަން ފެށުމުން، އެގޭގެ ތެރޭގައި މަސައްކަތް ކުރަން ތިބި އިތުރު ބިދޭސީންތަކެއްވެސް ވަނީ އެ ވަގުތު ބޭރަށް ނުކުމެފައެވެ.

މި ހާދިސާއާ ގުޅިގެން އެގޭގެ އާއިލާއިން ބުނީ އެއީ މީހުން ދިރިއުޅޭ ގެއެއް ނޫން ކަމަށާއި، އެތަނުގައި ކަރަންޓުވެސް ނުހުންނާނެ ކަމަށެވެ. އެ އިމާރާތުގައި ހުންނާނީ ހަމައެކަނި ލަކުޑިއާއި ފަރުނީޗަރު ކަމަށް އެމީހުން ބުންޏެވެ. ކަރަންޓު ނެތް ތަނެއްގައި ކުއްލިއަކަށް ރޯވުމުން، އެއީ މީހަކު ގަސްދުގައި ރޯކޮށްލުމުން ހިނގި ހާދިސާއެއް ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ބެލެވޭތީ ފުލުހުން މިހާރު ދަނީ މި މައްސަލަ ބަލަމުންނެވެ.