މާފަންނު ފުލޫނިޔާމަގުގައި ހުރި ގުދަނެއްގައި މިއަދު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި އަލިފާން ރޯވެފައިވަނީ ކުރީގެ ޑްރަގް ކޯޓާއި އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު ހުންނަ ސަރަހައްދުގައެވެ. މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ހުރި އިލެކްޝަންސް ކޮމިޝަންގެ މަރުކަޒުގައި ކުރަމުންދިޔަ މުހިންމު މަސައްކަތްތައް މިހާރު ވަނީ ހުއްޓާލާފައެވެ.

އަލިފާން ރޯވި ވަގުތަކީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ވަގުތެވެ. ނަމަވެސް އަލިފާނުގެ ނުރައްކާ ބޮޑުވުމުން އެ މަސައްކަތް މިވަގުތަށް ވަނީ މެދުކަނޑާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބާ ގުޅޭ އެއްވެސް ލިޔެކިއުމަކަށް މިހާތަނަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ މަރުކަޒުގައި ހުރި ތަކެތި ހުސްކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި އެ ގުދަނުގައި އަލިފާން ރޯވެ އަނދަމުންދާތީ، އެތަނުގެ ދުންތައް ވަނީ މުޅި ސަރަހައްދަށް ފެތުރިފައެވެ.

މި ހާދިސާ ހިނގާފައިވަނީ ގަސްކާނާ އާއި އެކި ބާވަތުގެ ކެމިކަލް ރައްކާކުރާ "ޕްރައިމް ފާޓިލައިޒާ" ގެ މައި ގުދަނުގައެވެ. އެ ކުންފުނީގެ މުދަލުގެ 80 ޕަސަންޓު ރައްކާކޮށްފައި ހުންނަނީ އެތަނުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. މި އަލިފާނުގެ ސަބަބުން އެ ގުދަން މިހާރު ވަނީ އެއްކޮށް އަނދާފައެވެ.

މިއަދު ހެނދުނުވެސް މާލޭގެ ގަލޮޅު ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މި ހާދިސާތަކުގައި އަލިފާން ނިއްވުމަށް ސިފައިންނާއި ފުލުހުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މާފަންނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިފައިން މިހާރުވެސް ދަނީ ކުރަމުންނެވެ.