ގަތަރުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކަށްފަހު ވެސް އެ ގައުމުގެ ވައިގެ ސާފުކަން ހުރީ އާދައިގެ ހާލަތެއްގައި ކަމަށް ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ބުންފިއެވެ.

މި ހަމަލާތަކަކީ ގަތަރުގެ ގޭސް އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެކެވެ. ނަމަވެސް އޭގެ ސަބަބުން ވައި ނުސާފުވެ އާންމުންގެ ސިއްހަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ފާހަގަވެފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިންޓީރިއާ މިނިސްޓްރީން ބުނީ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީ އާއި އަލް ދާހިރާ އަދި އަލް ހޯރު ފަދަ ސަރަހައްދުތަކުގެ ވައިގެ ސާފުކަން ހުރި މިންވަރު ބަލާފައިވާ ކަމަށެވެ. މި ސަރަހައްދުތަކުގެ ރިޕޯޓުތައް އެ ގައުމުގެ ސިވިލް ޑިފެންސް ކައުންސިލުން ވަނީ ރިވިއުކޮށްފައެވެ. މި ހުރިހާ ސަރަހައްދެއްގެ ވައިގެ ކޮލިޓީ ވެސް ހުރީ އާންމުކޮށް ހުންނަ ރަނގަޅު މިންގަނޑެއްގައި ކަމަށް ރިޕޯޓުތަކުން ދައްކާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އީރާނުން ދިން މި ހަމަލާތަކުގައި ގަތަރުގެ އެންމެ ބޮޑު ގޭސް ފެސިލިޓީ ކަމަށްވާ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހަމަލާތައް ދީފައިވަނީ މިސައިލް ބޭނުންކޮށްގެންނެވެ. އެހެންނަމަވެސް މި ހާދިސާއާ ގުޅިގެން ތިމާވެއްޓަށް ކުރާނެ އަސަރުތައް ކައިރިން ބަލަމުންދާނެ ކަމަށް ގަތަރު ސަރުކާރުން ބުންޏެވެ.