ތުއްތު ކުދިންނަށް އެހެން މީހުންނަށްވުރެ ގިނައިން ނިދި ބޭނުންވެއެވެ. އެއީ އެކަމުގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށް ގިނަ ފައިދާތަކެއް ކުރާތީއެވެ. ތުއްތު ކުދިންނަކީ ގިނައިން ނިދި ބޭނުންވާ ބަޔަކަށް ވީއިރު މައިންނަށް ދިމާވާ އެންމެ ބޮޑު ތަކުލީފަކީ ކުއްޖާ ނުނިދައިގެން އުފުލަންޖެހޭ ތަކުލީފުތަކެވެ.
މި ލިޔުމުގައި މި ބަލައިލަނީ ކުއްޖާގެ ނިދި ފަސޭހަކުރުމަށާއި ނިދި ރަނގަޅު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.
ދުވާލާއި ރޭގަނޑު ވަކިކުރުމަށް ދަރިފުޅު އާދަކުރުން
ޤުދުރަތީ ގޮތުން ދުނިޔެ ލައްވާފައިވަނީ ދުވާލު މަސައްކަތް ކުރުމަށްފަހު ރޭގަނޑު އަރާމު ކުރުމަށެވެ. އުސޫލެއްގެ ގޮތުން ނިދުމަކީ ރޭގަނޑަށް ޚާއްސަ ކަމަކަށް ވާއިރު ތުއްތު ދަރިފުޅުވެސް އެކަމަށް އާދަ ކުރުވާށެވެ. ދުވާލު ގަޑީގައި ރޭގަނޑަށްވުރެ މަދުން ކުއްޖާ ނިންދަވާށެވެ. އޭގެ ސަބަބުން ކުއްޖާ ބޮޑުވަމުން އަންނައިރު ނިދުމުގެ އާދަތައް ދަސްވެ ހަށިގަނޑުގައި އަށަގަންނާނެއެވެ.
ދަރިފުޅަށް އަންނަ ބަދަލުތަކަށް ސަމާލުވުން
ދަރިފުޅަށް އަންނަ ކޮންމެ ބަދަލަކަށްވެސް ސަމާލުވާން ޖެހޭނެއެވެ. އެގޮތުން ދަރިފުޅު ވަރު ދެރަވެ، ލޯ އުނގުޅާ، ކަންފަތަށް ދަމާ ރޮއި ހަދާނަމަ އަވަހަށް ނިންދަވާށެވެ. އެއީ ކުއްޖާ ނިދަން ބޭނުންވާކަމުގެ އިޝާރާތްތަކެވެ.
ކޮންމެ 2 ގަޑިއިރަކުން ދަރިފުޅު ނިންދަވަން މަސައްކަތް ކުރުން
ކޮންމެ ދެގަޑިއިރަކުން ދަރިފުޅު ނިންދަވަން މަސައްްކަތް ކުރާށެވެ. އެއީ ތުއްތު ކުދިންނަކީ ފަސޭހައިން ވަރުބަލިބާ ބަޔަކަށް ވުމުންނެވެ. އަދި ސައިންސްވެރިން ބުނާ ގޮތުގައި ގާތުން ކިރު ދިނުމަށްފަހު ނިންދަވަން މަސައްކަތް ކުރުމުން ކުއްޖާއަށް ނިދަން ފަސޭހަވެއެވެ.