ރާއްޖެ އާއި އޮސްޓްރޭލިއާ އާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް މަގުފަހިކޮށްދޭ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި އޭވިއޭޝަންގެ ދާއިރާއިން އައު ގުޅުންތަކެއް ގާއިމުކޮށް، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސް އެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފް އެވެ.

ޓްރާންސް ޕޯޓު މިނިސްޓްރީ އިން ބުނީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް އިތުރަށް ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މިއަދުން ފެށިގެން އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު އެއާލައިންތަކުން ދަތުރުތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި މީގެ ސަބަބުން ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގެ ލުއިފަސޭހަ ނިޒާމެއް ގާއިމްކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި މަސައްކަތުގެ ތެރެއިން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ އެއާލައިންތައް އިތުރުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މި އެއްބަސްވުމާއެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އިތުރު ކުރިއެރުން ލިބި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.