ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ގެ ވައުދުފުޅާ އެއްގޮތަށް، ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ނިންމަވައިފިއެވެ. މިކަމާ ގުޅޭ ޤަރާރު މިހާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާއިރު، މިއީ އެ ރަށުގެ ރައްޔިތުންގެ ޝުޢޫރުތަކާއި އެދުންތަކަށް ރިއާޔަތްކޮށް ރައީސް ނިންމެވި މުހިންމު ނިންމެވުމެކެވެ.

މި ބަދަލު ގެނެސްފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މީގެ ކުރިން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސިނާޢީ ބޭނުމަކަށްޓަކައި ހުޅުދުއްފާރުގެ އިޚްތިޞާޞްއިން ގާއުނޑޫދޫ ވަކިކޮށް، އެގްރިކަލްޗަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވެއެވެ. ނަމަވެސް މިހާރު ގެނައި މި ބަދަލާއެކު، އެ ރަށް އަލުން ހުޅުދުއްފާރުގެ އިދާރީ ދާއިރާގެ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި ނިންމެވުމުގެ ސަބަބުން ހުޅުދުއްފާރުގެ އިދާރީ ކަންކަން ހިންގުމަށާއި، ރަށުގެ ތަރައްޤީއަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ގާއުނޑޫދޫ ހިމެނިގެން ދިއުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އައި ކަމަކަށްވާއިރު، ރައީސް މުއިއްޒު ގެ މި ނިންމެވުމާއެކު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެއެވެ.