އީދު ނަމާދު ވަގުތަށް ބަހާއި ފެރީގެ ހިދުމަތަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ހުޅުމާލެ ފޭސް 2 އިން އެއާޕޯޓަށް ކުރާ ދަތުރުތައް ފަތިހު 5:30 އިން ފެށިގެން 6:35 އާ ހަމައަށް ކުރިއަށްދާނެއެވެ. އަދި މާލެއިން އެއާޕޯޓަށް ކުރާ ބަސް ދަތުރުތައް ހެނދުނު 6:40 ގައި ފަށާނެއެވެ. މީގެ އިތުރުން، ވިލިމާލޭގައި ދެމުންދާ ބަހުގެ ހިދުމަތް މާދަމާ ހެނދުނު 6:00 އިން 8:00 އަށް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ.

ބޮޑު އީދު ނަމާދުގެ ވަގުތަށް ބަލައި، މާލެއިން ވިލިމާލެއަށް ކުރާ ފެރީ ދަތުރުތަކުގެ ތެރެއިން ނަމާދުގެ ކުރިން އޮންނާނެ އެންމެ ފަހު ފެރީއަކީ ހެނދުނު 6:30 ގެ ފެރީއެވެ. އަދި ނަމާދަށްފަހު އަލުން ދަތުރުތައް ފަށާނީ ހެނދުނު 8:00 ގައެވެ. މާލެއިން ހުޅުމާލެއަށް ކުރާ ފެރީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 ގައެވެ. އަދި މާލެއާއި ތިލަފުއްޓާ ދެމެދު ކުރާ ދަތުރުތައް ހެނދުނު 8:30 ގެ ފަހުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.