ފިޠުރު އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމްދީނުގެ މިންގަނޑުތަކާއި އިންތަކުން ބޭރުނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އިލްތިމާސް ކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ ފިޠުރު އީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ހާއްސަ ޚިޠާބެއްގައެވެ.

ރައީސް ވިދާޅުވި ގޮތުގައި، އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ދެދުނިޔޭގެ ކާމިޔާބު ލިބެނިވި މާތް ސިފަތަކަށް ކަމަށެވެ. އެހެންކަމުން، އީދުގެ އުފާ ފާޅުކުރުމުގައި ވެސް ދީނީ ހަމަތަކަށް ފަރުވާތެރިވެ، މުޖުތަމައުގެ ހަމަޖެހުމާއި އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މިއީ އާއިލީ ގުޅުންތަކާއި އަވަށްޓެރިކަން ބަދަހިކޮށް، އީމާންކަން ތާޒާކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަމަޟާން މަހަކީ އިންސާނާގެ ނަފްސާއި ގުނަވަންތަކަށް ދެވުނު ވަރަށް ފުރިހަމަ ތަމްރީނެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރޯދައިގެ މަދަރުސާއިން ދަސްކޮށްދިން އެއްބައިވަންތަކަމާއި ކެތްތެރިކަމުގެ ފިލާވަޅުތަކުގެ މަތީގައި ސާބިތުވެ ތިބުމަށް އެދޭ ކަމަށެވެ. ރަމަޟާން މަސް ނިމުނު ނަމަވެސް، ޝައްވާލު މަހުގެ ހަ ރޯދައާ އެކު ހެޔޮ އަމަލުތަކާއި އަޅުކަމުގެ މަތީގައި ދެމިތިބުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ