ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ރާއްޖޭގެ 33 ރަށެއްގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތަކަކީ މުޖުތަމަޢުގެ އެކުވެރިކަން އާލާކޮށް، އީދުގެ އުފާވެރިކަން ރައްޔިތުންނާ ގާތުން ހިއްސާކުރުމުގެ މަގްސަދުގައި އެ ބޭންކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.
މި ހަރަކާތްތައް އިންތިޒާމުކޮށްފައިވަނީ ބީއެމްއެލްގެ ބްރާންޗްތައް ހުރި 33 ރަށެއްގައި އެ ރަށްރަށުގެ ކައުންސިލްތަކާއި ކްލަބް ޖަމިއްޔާތަކާ ގުޅިގެންނެވެ. އެގޮތުން ބޭއްވި އީދު ސައިގެ ހަރަކާތްތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އެއްތަނަކުން ބައްދަލުވެ، ޢީދުގެ ތަހުނިޔާ ބަދަލުކޮށް، ގުޅުން ބަދަހިކުރުމަށް ފަހި ފުރުސަތެއް ލިބިގެންދިޔައެވެ.
ބީއެމްއެލް އިން 2019 ވަނަ އަހަރުން ފެށިގެން އަންނަނީ މިފަދަ ހަރަކާތްތައް ސިލްސިލާކޮށް ބާއްވަމުންނެވެ. މިއީ މުޅި ރާއްޖޭގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށާއި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ މުހިންމު ހަރަކާތެއް ކަމަށް އެ ބޭންކުން މައުލޫމާތު ދިނެވެ.
