2001 ވަނަ އަހަރު "ދިލް ޗާހަތާ ހޭ" އިން ޑައިރެކްޓަރެއްގެ ގޮތުގައި ތަޢާރަފުވި ފަރްހާން އަޚްތަރަކީ ފުރަތަމަ ފިލްމާއި އެކުވެސް ބޮޑު މަޤުބޫލުކަމެއް ހޯދި ފަރާތެކެވެ. އޭގެ ފަހުން "ލަކްޝިޔާ" އަދި "ޑޯން" ފަދަ ފިލްމުތައްވެސް އޭނާ ގެނެސްދިނެވެ.
2008 ވަނަ އަހަރު "ރޮކް އޮން" އިން އެކްޓިންގއަށް ނުކުތް ފަރްހާންއަށް އޭގެ ކުރިން ވަރަށް ކާމިޔާބުވި ފިލްމަކުން ރޯލެއް ލިބުނެވެ. އެއީ އޭނާއަށް އެކްޓިންގ ކެރިއަރުގައި ބޮޑު މަޤުބޫލުކަމެއް ލިބުނު ފިލްމު "ބާގް މިލްކާ ބާގް"ގެ ޑައިރެކްޓަރ ރާކޭޝް އޯމްޕްރަކާޝް މެހެރާ 2006 ގައި ގެނެސްދިން ބްލޮކްބަސްޓާ "ރަންގް ދޭ ބަސަންތީ"ގެ ރޯލެކެވެ.
ދާދި ފަހުން ރާކޭޝް ހާމަކުރި ގޮތުގައި އޭނާ ފަރްހާންއަށް ހުށަހެޅީ އެ ފިލްމުގައި ސިދާތު ކުޅުނު ކަރަންގެ ރޯލެވެ. އެ ރޯލަކީ ސަޕޯޓިންގ ރޯލަކަށް ވިޔަސް އެ ފިލްމުގެ އެންމެ މުހިންމު ކެރެކްޓަރއަކީ ކަރަންއެވެ. ރާކޭޝް ބުނި ގޮތުގައި ފަރްހާންއަށް އޭގެ ސްކްރީންޕްލޭއާއި އެއްޗެހި ވަރަށް ކަމުދިޔަ ނަމަވެސް އޭނާއަށް އެކްޓް ކުރެވިދާނެ ކަމަށް އަމިއްލައަށް ޤަބޫލު ނުކުރެވޭތީ އޭނާ އެ ހުށަހެޅުން ޤަބޫލު ނުކުރީއެވެ.
ފަރްހާން ދެން އެންމެ އަވަހަށް ފެނިގެންދާނީވެސް ރާކޭޝްގެ ފިލްމެއް ކަމަށްވާ "ތޫފާން" އިންނެވެ. ފަރްހާން ބޮކްސިންގ ތަޅާ މީހެއްގެ ރޯލުން ފެނިގެންދާ މި ފިލްމު އޮންލައިން ޕްލެޓްފޯމް އެމެޒޯން ޕްރައިމް ވީޑިއޯގައި މި ހިނގާ ޖުލައި 16 ގައި ރިލީޒްކުރާނެއެވެ.
