ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫން މާލެ އާއި ހުޅުމާލޭގައި އީދު ސައިގެ ހަރަކާތް ބާއްވައިފިއެވެ. މިއީ ކޮންމެ އަހަރަކު ވެސް އީދު ނަމާދަށް ފަހު އާއިލާތަކާއި ރައްޓެހިންނާ އެކު އީދުގެ އުފާ ފާޅުކުރުމަށް އެ ކުންފުނިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ ކިންގް ސަލްމާން މިސްކިތް ކައިރީގައެވެ. އަދި ހުޅުމާލޭގައި މި ހަރަކާތް ބާއްވާފައި ވަނީ މަސްޖިދުލް ސާނީ މިސްކިތް ކައިރީގައެވެ. މި ސައިގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެ، އީދުގެ އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްފައިވާ ކަމަށް އުރީދޫން ބުންޏެވެ.

މި އަހަރުގެ ހަރަކާތަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް އުރީދޫން ފާހަގަކުރިއެވެ. މި ހަރަކާތުގެ ސަބަބުން އެކަކު އަނެކަކާ ބައްދަލުވެ، އީދުގެ ސަލާމްކޮށް، އެކުވެރި މާހައުލެއްގައި ހެނދުނުގެ ނާސްތާ ކުރުމުގެ ފުރުސަތު އެންމެންނަށް ލިބިގެން ދިޔައެވެ.

މާލެ ސަރަހައްދުގެ އިތުރުން، އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ވެސް މިއަދު އީދު ހަދިޔާ ބެހުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އުރީދޫން ބުންޏެވެ. މިއީ މުޅި ރާއްޖެއަށް އީދުގެ އުފާވެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތެކެވެ.

އުރީދޫން ކޮންމެ އަހަރަކު ވެސް އަންނަނީ އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ ގޮތުން މިފަދަ ތަފާތު ހަރަކާތްތައް އީދާ ދިމާކޮށް ބާއްވަމުންނެވެ. އީދު ސައިގެ ހަރަކާތަކީ ގިނަ ބަޔަކު އިންތިޒާރުކުރާ، އަދި ވަރަށް ކާމިޔާބު ހަރަކާތެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.