ރައީސް.ޑރ މުހައްމަދު މުއިއްޒު މިއަދު ސަލްޓަން ޕާކަށް ޒިޔާރަތްކުރައްވައި، އެތަން ތަރައްގީ ކުރުމަށް ގައުމީ ދިފާއީ ބާރުން ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ. ރައީސްގެ މި ޒިޔާރަތަކީ އެ ޕާކުގައި އަލަށް ގާއިމުކުރާ ޒަމާނީ ވަސީލަތްތަކާއި، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ގާއިމުކުރާ އެކިއެކި ވަސީލަތްތަކުގެ މައުލޫމާތު ސާފުކުރައްވާފައެވެ. އެގޮތުން ޕާކު ތަރައްގީ ކުރުމުގައި މިހާރު ކުރެވިފައިވާ އަމަލީ މަސައްކަތްތަކާއި، އޯވަހެޑް އޮބްސްޓެކްލް ކޯހާއި ޝޫޓިން ރޭންޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

މިއަދު ފާހަގަކުރާ އީދުގެ މުނާސަބަތުގައި ގައުމީ ދިފާއީ ބާރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އީދު ހަވީރު" ހަރަކާތްތަކަށް ސަލްޓަން ޕާކު ތައްޔާރުކޮށްފައިވާ ގޮތްވެސް ރައީސް ބައްލަވާލެއްވިއެވެ. މި ހަރަކާތްތަކަކީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ކަންތައްތަކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޒަމާންތަކަކަށް އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާއިރު، އެތަނުގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ކުރިން ވިންޓަ ޕާކު ހުރި ސަރަހައްދުގައި އީ-ގޭމިން މަރުކަޒެއް ހެދުން ހިމެނެއެވެ.

ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ގައުމީ ދިފާއީ ބާރާ ހަވާލުކުރީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެތަން ނިންމައި އާންމުންނަށް ހުޅުވާލުމަށެވެ. މި މަޝްރޫއު ނިމުމުން ސަލްޓަން ޕާކު ވެގެންދާނީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބޭނުންކުރެވޭނެ ފަދަ ޒަމާނީ މައިދާނަކަށެވެ.