ފިތުރު އީދުގެ އުފަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެމްއެންޑީއެފް ގުޅިގެން ބޭއްވި "އީދު ހަވީރު 1447" ގެ ހަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި ހަރަކާތަކީ އީދުގެ އުފަލުގައި އާއިލާތައް އެއްތަނަކުން ބައްދަލުވެ، އީދު ފޯރި އާލާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތްތައް މާލޭގެ ޖުމްހޫރީ މައިދާނާއި، ސަލްޓަން ޕާކާއި، އިސްލާމީ މަރުކަޒުގެ މާބުލް ސަރަހައްދުގައި ވަނީ ބާއްވާފައެވެ. މީގެ އިތުރުން ހުޅުމާލެ ސެންޓްރަލް ޕާކާއި، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކު އަދި ވިލިމާލެ ފުޓުބޯޅަ ދަނޑުގައި ވެސް ސިފައިންގެ ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އީދު ހަވީރުގައި އެންމެ ހާއްސަ އިސްކަމެއް ދީފައިވަނީ ކުޑަކުދިންނަށެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފަޔާ އެންޑް ރެސްކިއު ސާވިސްގެ އުޅަނދުތަކަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި ކޯސްޓްގާޑުގެ ކުދި ބޯޓުފަހަރުގައި ދުއްވާލުމާއި، ސިފައިން ތައްޔާރުކޮށްފައިވާ ފޯމް ޕޫލްގައި ކުޅުމުގެ ފުރުސަތު ކުދިންނަށް ލިބުނެވެ.

ސިފައިން ބޭނުންކުރާ ބައެއް ހަތިޔާރުތަކާއި ހަނގުރާމަމަތީ އާލާތްތައް ވެސް މި ހަވީރުގައި ވަނީ ދައްކާލާފައެވެ. ހާއްސަކޮށް އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީތަކާއި، ސްނައިޕަރުންނާ އެކު ފޮޓޯ ނެގުމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ލިބިފައެވެ. އަދި ސިމިއުލޭޓަރު ބޭނުންކޮށްގެން އުދުހުމުގެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ޝޫޓިން އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ބަޑި ޖެހުމުގެ ހަރަކާތްތަކާއި، ސަގާފީ އެކި ކުޅިވަރުތައް ވެސް ވަނީ ހުށަހަޅައިދީފައެވެ. އަދި ކުރީގެ ފުލޯކް ވާހަކަތަކުގެ ސިފަތައް ދައްކުވައިދޭ ހަރަކާތްތަކާއި، ޕެނަލްޓީ ޖެހުމުގެ މުބާރާތްތައް ވެސް އީދު ހަވީރުގެ ތެރޭގައި ކުރިއަށް ދިޔައެވެ.

މި ހަރަކާތްތައް މާރިޗު 21 އަދި 22 ވަނަ ދުވަހު ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރު ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކަމަށް ސިފައިންގެ އޮފީހުން ބުންޏެވެ.