އައްޑޫ ސިޓީގައި މަސްވެރިކަމުގެ ސިނާއީ މަސައްކަތްތަކަށް ޚާއްޞަ ހަބްތަކެއް ބިނާކުރުމުގެ ބޭނުމުގައި، ޗައިނާގެ ސީ.މެކް ކުންފުނީގެ މަތީ ފަންތީގެ ވަފުދެއް ހުކުރު ދުވަހު ހިތަދޫ ރީޖަނަލް ޕޯޓަށް ޒިޔާރަތްކޮށްފިއެވެ. މި ޒިޔާރަތުގައި އެ ކުންފުނީގެ ބޭފުޅުން ވަނީ ހިތަދޫ ޕޯޓުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މި މަޝްރޫޢާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގ ޒިޔަންހުއާ ވެސް ބައިވެރިވެވަޑައިގަތެވެ.

މި މަސައްކަތްތަކަކީ އައްޑޫގައި މަސްވެރިކަމާއި މެރިޓައިމް ލޮޖިސްޓިކްސްގެ މަރުކަޒެއް ގާއިމްކުރުމަށް ދިވެހި ސަރުކާރާއި ސީ.މެކް ކުންފުންޏާ ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށްދާ ކަންކަމެވެ. ބައްދަލުވުމުގެ ތެރެއިން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖޭގައި ފިޝަރީޒް ހަބްތައް އުފެއްދުމަށާއި، ހިތަދޫ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މައްޗަށެވެ.

މީގެ އިތުރުން، ހިތަދޫ ޕޯޓުގައި 'ފްރީ ޒޯނެއް' ގާއިމްކުރުމާ ގުޅޭގޮތުންނާއި، މަސްވެރިކަމުގެ ހަބްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި ތަކެތި އެތެރެކޮށް ބޭރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ތަފްސީލީ މަޝްވަރާތަކެއް ކުރެވުނެވެ. މި ބައްދަލުވުމުގައި ދެ ފަރާތުގެ މެދުގައި ފަންނީ މައުލޫމާތާއި ތަޖުރިބާ ވެސް ހިއްސާކޮށްފައިވެއެވެ. މި ބައްދަލުވުމުގައި ހިތަދޫ ޕޯޓުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާންގެ އިތުރުން ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.