ވ. ފެލިދޫ ކައިރިން ލޯންޗެއް ބަންޑުންޖަހާލައި ހިނގި ނުރައްކާތެރި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ރެލީ ޑްރައިވަރު ހަރީ ސިންގް ހިމެނޭކަން ކަށަވަރުވެއްޖެ އެވެ. ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ލޯންޗު ބަންޑުންޖަހާލިއިރު، އެ ލޯންޗުގައި ހަތް ޓޫރިސްޓުން ތިއްބެވެ. އޭގެ ތެރޭގައި އިންޑިއާގެ ފަސް މީހަކާއި އިނގިރޭސިވިލާތުގެ މީހެއްގެ އިތުރުން ރަޝިއާ މީހަކު ހިމެނެ އެވެ.

މި ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ޑްރޯން ބޭނުންކޮށްގެން ދަނީ ކުރަމުންނެވެ. ގެއްލިގެން ހޯދަމުންދާ ހަރީ ސިންގް އަކީ އިންޑިއާގެ މޯޓާސްޕޯޓްސްގައި ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ މީހެކެވެ. މީގެ އިތުރުން މި ލޯންޗުގައި ދަތުރުކުރި އިންޑިއާގެ މަޝްހޫރު ބިލިއަނަރު ގޯތަމް ސިންގާނިއާ ސަލާމަތްކޮށްފައިވާއިރު، އޭނާއަށް ލިބުނު ކުދި އަނިޔާތަކަށް ފަރުވާ ދިނުމަށް މިހާރު ވަނީ އިންޑިއާއަށް ގެންގޮސްފަ އެވެ.

ގެއްލިގެން ހޯދަމުންދާ ހަރީ ސިންގް އަކީ ދެހާސް ވަނަ އަހަރު އޭޝިއާ ޒޯން ރެލީ ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ އިންޑިއާ މީހާ އެވެ. އަދި އޭނާ ވަނީ ގައުމީ ފެންވަރުގެ ފަސް މުބާރާތެއް ވެސް ކާމިޔާބުކޮށްފަ އެވެ. ލޯންޗު ބަންޑުންޖަހާލަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފުވެފައި ނުވާއިރު، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ދަނީ މިކަން އިތުރަށް ބަލަމުންނެވެ. ހަމައެއާއެކު ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ހުއްޓާނުލައި ކުރިއަށްދާކަން ފާހަގަކޮށްލެވެ އެވެ.