ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަން ކޯޓުގައި ސާބިތުވި ފުލުހުންގެ އަންހެން ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ އިދާރާއިން ނިންމައިފިއެވެ. މި ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފީހުން ބުނީ، މި ދެ މުވައްޒަފުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އެ ހުކުމާ ގުޅިގެން، އެ މީހުން ވަޒީފާއިން ވަކިކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ މުއައްސަސާއަކީ އަހުލާގީ މިންގަނޑުތަކެއް ހިފަހައްޓަންޖެހޭ ތަނަކަށް ވާއިރު، ގާނޫނުތަކާއި ގަވާއިދުތަކަށް ހުރިހާ މުވައްޒަފުންވެސް ބޯލަނބަންޖެހޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި އާންމުންގެ އިތުބާރު ހިފެހެއްޓުމަކީ ފުލުހުންގެ މުވައްޒަފުންގެ ޒިންމާއެއް ކަމަށް ވެސް ފުލުހުން ފާހަގަކުރިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ އަހުލާގީ މިންގަނޑާ ހިލާފުވާ ފަރާތްތަކާ މެދު އެ އިދާރާއިން އަބަދުވެސް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ހާއްސަކޮށް ޖިނާއީ ކުށްތައް ސާބިތުވާ މީހުން ވަޒީފާއިން ވަކިކުރުމަކީ އެ އިދާރާއިން އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ ނަމާއި ރޭންކު ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މި ހާދިސާ ހިނގި ގޮތުގެ އިތުރު އެއްވެސް ތަފުސީލެއް ވެސް ފުލުހުންގެ އިދާރާއިން ދީފައެއް ނުވެއެވެ.
