"މާސްޓަޖީ"ގެ ނަމުން މަޝްހޫރުވި ބޮލީވުޑްގެ އެންމެ ކާމިޔާބު ކޮރިއޯގްރާފަރު ސަރޯޖް ޚާންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ ފިލްމު ހަދަން ނިންމާފައިވާކަން ޓީ ސީރީޒުން ރަސްމީކޮށް ހާމަކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެކަން އިޢުލާންކޮށް ޓީ ސީރީޒުން ބުނީ ފިލްމާއި ގުޅުންހުރި އިތުރު މަޢުލޫމާތުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ސަރޯޖް މަރުވިއިރު އެ ދުވަސްވަރުވެސް އޭނާގެ ބައޮޕިކްގެ ވާހަކަ ވަރަށް ބޮޑަށް ދެކެވިފައިވެއެވެ. ސަރޯޖްގެ ބައޮޕިކް ޑައިރެކްޓްކުރަން މަޝްހޫރު ކޮއިރޯގްރާފަރު ރެމޯ ޑީ ސޫޒާ ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު ސަރޯޖްގެ ބައޮޕިކެއް ހަދާނަމަ ރެމޯ އެ ފިލްމު ޑައިރެކްޓްކުރަން އެދޭކަން ސަރޯޖްވެސް ވަނީ ހާމަކޮށްފައެވެ.

މި ފިލްމުގައި ސަރޯޖްގެ ރޯލަށް އެންމެ ފިޓު ބަތަލާއަކީ މަދޫރީ ޑިކްޝިޓް ކަމަށް ގިނަ ބަޔަކު އިއްތިފާޤުވެއެވެ. ސަބަބަކީ މުޅި ބޮލީވުޑްގައިވެސް މަދޫރީއާއި ވާދަކޮށްލެވޭވަރުގެ ނެށުންތެރިޔަކު ނެތުމާއި ސަރޯޖްގެ އެންމެ ފެވަރިޓް ބަތަލާއަކީ މަދޫރީއަށްވެފައި ސަރޯޖްއާއެކު އެންމެ ގިނަ މަސައްކަތް ކުރި ބަތަލާއަކީވެސް މަދޫރީއަށް ވުމެވެ. އަދި މަދޫރީގެ ސިގްނޭޗާ އެންމެ ގިނަ ސްޓެޕްތަކަކީވެސް ސަރޯޖްގެ ހުނަރުވެރިކަމުން ފައްކާކޮށްފައިވާ ސްޓެޕްތަކެއްކަން ފާހަގަކޮށްލެވެއެވެ.

ސަރޯޖަކީ ބޮލީވުޑްގައި ފިރިހެނުންގެ ނުފޫޒު ގަދަ ނެށުމުގެ ދާއިރާ ޑޮމިނޭޓްކުރި މަދު އަންހެނުންގެ ތެރެއިން އެންމެ ކާމިޔާބު ކޮރިއޯގްރާފަރެވެ. ސަރޯޖް ވަނީ އެތައް ސަތޭކަ ފިލްމެއްގެ ދެ ހާހެއްހާ ލަވައިގެ ނެށުންތައް ތައްޔާރުކޮށްދީފައެވެ. 80 ގެ މެދުތެރެއިން ފެށިގެން ދެހާހުގެ ކުރީކޮޅާއި ހަމައަށް ބޮލީވުޑްގައި މަސައްކަތްކުރި މަޝްހޫރު ހުރިހާ ބަތަލާއިންނަށް ސަރޯޖް ވަނީ ނެށުން ތައްޔާރުކޮށްދީފައެވެ. އޭގެ ތެރޭގައި ސްރީދޭވީ، މަދޫރީ ޑިކްޝިޓް، ކާޖޮލް، ރާނީ މުކަރްޖީ، އައިޝްވާރިޔާ ރާއީ، ޝިލްޕާ ޝެޓީ، ޕްރީތީ ޒިންތާ، މަހީމާ ޗޯދަރީ އަދި ކަރީނާ ކަޕޫރް ފަދަ ތަރިން ހިމެނެއެވެ.

ސަރޯޖްގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި ފިލްމު "ނާގިނާ"ގެ ލަވަތައް، "ޗާންދުނީ"ގެ ލަވަތައް، "އޭކް ދޯ ތީން"، "ތަންމާ ތަންމާ ލޯގޭ"، "ދަކް ދަކް ކަރްނޭ ލަގާ"، "ޗޯލީ ކޭ ޕީޗޭ"، "ޔޭ ކާލީ ކާލީ އާނކޭ"، "ޗަނޭ ކޭ ކޭތު"، "މެރަ ޕިޔާ ގަރް އާޔާ"، "ނިމްބޫޅާ" އަދި "ޑޯލާ ރޭ" ފަދަ އެތައް ލަވައެއް ހިމެނެއެވެ. އޭނާ އެންމެ ފަހުން ނެށުން ތައްޔާރުކޮށްދިން ލަވައަކީ މަދޫރީގެ 2019 ގެ ފިލްމު "ކަލަންކް"ގެ "ތަބާ ހޯ ގަޔޭ" އެވެ.