އިނގިރޭސިވިލާތުގެ ކެންޓް ސަރަހައްދުގައި މެނިންޖައިޓިސް ބީ ހަލުވިކަމާއެކު ފެތުރެމުންދާތީ، އެ ބަލީގައި ދެ ޒުވާނަކު މަރުވެއްޖެއެވެ. އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީ (ޔޫކޭއެޗްއެސްއޭ) އިން ބުނި ގޮތުގައި، ޔުނިވާސިޓީ އޮފް ކެންޓްގެ ދަރިވަރުންނާއި ކްލަބަކަށް ދިޔަ ޒުވާނުންތަކެއްގެ މެދުގައި ފެތުރެމުންދާ މި ބަލީގެ 34 ކޭސްއެއް މިހާތަނަށް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 23 މީހަކަށް ބަލިޖެހިފައިވާކަން ޔަގީންކުރެވިފައިވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި 8،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ މިދިޔަ މާޗު މަހުގެ 5 އިން 7 އަށް ކެންޓްގައި ހުންނަ 'ކްލަބް ކެމިސްޓްރީ' އަށް ދިޔަ ޒުވާނުންނާއި ޔުނިވާސިޓީގެ ހޮސްޓެލްތަކުގައި އުޅޭ ދަރިވަރުންގެ މެދުގައެވެ. މިކަމާ ގުޅިގެން ޔުނިވާސިޓީގެ އިމްތިހާނުތައް ވެސް ވަގުތީ ގޮތުން ކެންސަލްކޮށްފައިވާއިރު، ބަލިޖެހުނު މީހުންނާ ކޮންޓެކްޓުވި އެތައް ހާސް ބަޔަކަށް އަންނަނީ އެންޓިބަޔޮޓިކް ދެމުންނެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި މިއީ ކޯވިޑް-19 ފަދައިން ވައިގެ ޒަރީއާއިން ފެތުރޭ ބައްޔަކަށް ނުވި ނަމަވެސް، ގާތްކޮށް އުޅުމުގެ ސަބަބުން ވަރަށް އަވަހަށް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ.

މި ކޭސްތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާއިރު، އިނގިރޭސި ޕްރައިމް މިނިސްޓަރު ކިއާ ސްޓާމާ މުޅި ގައުމު ލޮކްޑައުން ކުރަން އުޅޭ ކަމަށް ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ޔޫކޭއެޗްއެސްއޭގެ ޗީފް އެގްޒެކެޓިވް ޕްރޮފެސަރު ސޫޒަން ހޮޕްކިންސް ބުނީ، ކެންޓް ސަރަހައްދުން ބޭރުގައި މި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.