ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އިތުރަށް ފުޅާކޮށް، ގިނަ ޓޫރިސްޓުން ގެނައުމަށްޓަކައި އާ ދެ ވިސާއެއް ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބުރާހިމް އެވެ. އޭނާ މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިކޮނޮމީއަށް ކުރާ އަސަރުތަކާ ބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އަލަށް ތައާރަފުކުރަން ނިންމާފައިވަނީ "ރިމޯޓް ވޯކާ" ވިސާ އާއި "ކޮންޓެންޓް ކްރިއޭޓާ" ވިސާ އެވެ. މި ވިސާތަކުގެ ސަބަބުން ރާއްޖޭގައި ގިނަ ދުވަހު މަޑުކޮށްގެން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވިގެންދާނެ އެވެ. މީގެ ސަބަބުން ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރު ބުންޏެވެ.

މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ 30 ޕަސަންޓަކީ މެދުއިރުމަތީގެ އެއާލައިންތަކުން އަންނަ މީހުންނެވެ. އެހެންކަމުން މި ހާލަތުން އަރައިގަތުމަށް ޓޫރިސްޓުން ގެނެވޭނެ އާ ރޫޓުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރިމޯޓް ވޯކަރުން ރާއްޖެ އައިސް މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި، ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް މިދެންނެވި ރިމޯޓް ވޯކާ ނުވަތަ ކޮންޓެންޓް ކްރިއޭޓާ ގިނަވެއްޖެނަމަ އެބޭފުޅުންގެ އޮކިއުޕަންސީ ބޮޑުކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ޓޫރިސްޓުންނަށް ދޭ 30 ދުވަހުގެ އޮން-އެރައިވަލް ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ މީހުންނަށް، އެކަން ފަސޭހައިން ކުރެވޭނެ ގޮތްތައް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ގިނަ ދުވަހު މަޑުކުރަން ބޭނުންވާ ޓޫރިސްޓުންނަށް ލިބޭނެ ލުޔެކެވެ.

ޓޫރިޒަމް ސިންދަފާތު ކުރުމަށްޓަކައި "ސްޕޯޓްސް ފިޝިން" އާއި "ބިގް ގޭމް ފިޝިން" ރެގިއުލޭޓްކޮށް އެ ދާއިރާ ކުރިއެރުވުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ހަލާލް ޓޫރިޒަމާއި، އެޑިއުކޭޝަން އަދި ރިސާޗް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސުޕަރޔޮޓާއި ލިވަބޯޑުތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާއި، ޓެކްނިކަލް އަދި ރެކްރިއޭޝަނަލް ޑައިވިން ހުޅުވާލުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި ހުރިހާ މަސައްކަތަކީ ރާއްޖޭގެ ޓޫރިޒަމް އާ އުސްމިންތަކަކަށް ގެންދިއުމަށް ކުރާ މަސައްކަތްތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.