ހަނގުރާމަޔާ ގުޅިގެން އިގުތިސާދަށް ބަދަލުތަކެއް އައި ނަމަވެސް، ރައްޔިތުންނާ ގުޅުންހުރި ބޯހިޔާވަހިކަމާއި ހެލްތު ދާއިރާގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މާލީ ކަންކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، ހަނގުރާމަ އެއް މަސް ދުވަހަށް ދިގުލައިގެން ގޮސްފިނަމަ ރާއްޖޭގެ އާމްދަނީން 85 އާއި 90 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އުނިވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މި އަންދާޒާ ތައްޔާރުކޮށްފައިވަނީ މީރާ އާއި އެމްއެމްއޭ އަދި ފިނޭންސް މިނިސްޓްރީ ގުޅިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރި ނަމަވެސް، އާންމު ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރިއަށްގެންދާ މުހިންމު ކަންކަމަށް ބުރޫ ނޭރުވުމަށް މިނިސްޓަރުންނަށް އަންގަވާފައެވެ. ވަކިން ހާއްސަކޮށް ހެލްތު ހިދުމަތްތަކާއި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.
"ހެލްތު ދާއިރާގެ ކަންކަން ރައްޔިތުންނަށް އުނދަގޫކަމެއް ނެތި ހިދުމަތް ލިބުމާއި، ބޯހިޔާވަހިކަމުގެ މިހާރު ފަށާފައި ހުރި ޕްރޮޖެކްޓްތައްވެސް ހުއްޓާލަން ނުޖެހޭނެ ގޮތަށް ޕްރިއޮރިޓައިޒްކޮށްގެން ގެންދަން،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ހަނގުރާމަ ހަ މަސް ދުވަހަށް ދެމިގެން ގޮސްފިނަމަ، ފައިސާގެ މުއާމަލާތްތައް ބެލެހެއްޓުމަށްޓަކައި ބައެއް އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ބައެއް މަޝްރޫއުތައް ނިންމަން ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ތަކުލީފެއް ނާންނާނެ ގޮތަށް ސަރުކާރުން ބަލާނެ ކަމަށެވެ. އަދި މި ހަނގުރާމަޔާ ގުޅިގެން އުފައްދާފައިވާ ހާއްސަ ކޮމެޓީން މިހާރު ދަނީ ހަރަދުތައް ކުޑަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ އެކުވެސް، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންގޮސް ރައްޔިތުންނަށް ދޭ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
