ހަނގުރާމަ ދިގުލައިގެން ދާނަމަ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން ފިޔަވަޅުތަކެއް އެޅި ނަމަވެސް، އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ތަކުލީފެއް ނާންނާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް ކުރިއަށް ގެންދާނީ ރައްޔިތުންނަށް އޭގެ ބުރައެއް ނުފޯރާނެ ގޮތަށް ވިސްނައިގެން ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ހާއްސަ ކޮމެޓީން މިހާރުވެސް ދަނީ ކަންކަން ރާވަމުންނެވެ.
މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ހަނގުރާމަ އެއް މަސް ދުވަހަށް ދިގުލައިގެން ގޮސްފިނަމަ ސަރުކާރަށް ލިބޭ އާމްދަނީން 85 މިލިއަނާއި 90 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އުނިވާނެ ކަމަށް މީރާ އާއި އެމްއެމްއޭ ގުޅިގެން ލަފާކޮށްފައިވާ ކަމަށެވެ. އެހެންކަމުން މާލީ ހާލަތު މެނޭޖުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މުހިންމު ކަންކަމަށް އިސްކަންދެއްވަން އަންގަވާފައެވެ. އެގޮތުން ހެލްތު ދާއިރާގެ ހިދުމަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.
"ހެލްތު ދާއިރާގެ ކަންކަން ރައްޔިތުންނަށް އުނދަގޫކަމެއް ނެތި ހިދުމަތް ލިބުމާއި، ބޯހިޔާވަހިކަމުގެ މިހާރު ފަށާފައި ހުރި ޕްރޮޖެކްޓްތައްވެސް ހުއްޓާލަން ނުޖެހޭނެ ގޮތަށް ޕްރިއޮރިޓައިޒްކޮށްގެން ގެންދަން،" ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ހަނގުރާމަ ހަ މަސް ދުވަހަށް ދެމިގެން ގޮސްފިނަމަ، ފައިސާގެ ކަންކަން ހަމަޖެއްސުމަށްޓަކައި ބައެއް އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ބައެއް މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރުން ހިމެނެއެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އަންނަ އިގުތިސާދީ ލޮޅުންތަކުން އަރައިގަތުމަށް މަސައްކަތް ކުރާއިރު، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަތިނުވާނެ ގޮތަކަށް ކަންކަން ރޭވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
