ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވީ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ މިނިސްޓަރުންގެ ކޮމިޓީން ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގު ދެގުނައަށް ވުރެ މައްޗަށް ގޮސްފައިވާކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ. އެހެންނަމަވެސް، އާންމު ރައްޔިތުންނާއި ބައެއް ދާއިރާތަކަށް ދަތިވެދާނެތީ، އަގު ބޮޑުނުކޮށް ސަބްސިޑީ ދީގެން އެކަން ހަމަޖައްސަމުން ގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މަސްވެރިންނާއި މާލޭގައި ޕެޓްރޯލް ޕަމްޕުން ތެޔޮ ގަންނަ ފަރާތްތައް ހިމެނޭކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް މިވަގުތު ތެލުގެ ސްޓޮކް ހުރިކަން ޔަގީންކޮށްދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ދާދި ފަހުން އެސްޓީއޯގެ ދެ ބޯޓު ކަމަށްވާ އަލިމަސް އަދި ނިއޯން ރާއްޖެ އައިސް، އެ އުޅަނދުތަކުގައި ހުރި ތެޔޮ ބޭރުކޮށް ނިމިފައިވާ ކަމަށެވެ.

"އެކަމަކު ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އަނެއްކާވެސް އިތުރަށް ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގައެއް ނެތް،" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ކުރިއަށް ހުރި ތެލުގެ ޝިޕްމަންޓްތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އޭޕްރީލް މަހުގެ ދެވަނަ ދުވަހު ނުވަތަ ތިންވަނަ ދުވަހާ ހިސާބުގައި ސިންގަޕޫރުން ޕެޓްރޯލާއި ޑީސަލް ހިފައިގެން އަންނަ އުޅަނދެއް ރާއްޖެ އަންނާނެ ކަމަށެވެ.

މީގެ އިތުރުން، އޭޕްރީލް ހަތަރެއް ނުވަތަ ފަހެއް ހިސާބުގައި އޮމާންގެ ސޮހާރުން ބަރުކޮށްގެން އަންނަ އިތުރު އުޅަނދެއް ވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަން އޭނާ ހާމަކުރެއްވިއެވެ. އެހެންކަމުން، ދުވަހުން ދުވަހަށް ބޭނުންވާ ވަރަށް އެއްވެސް ދަތިކަމެއް ނެތި ތެޔޮ ލިބެން ހުންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.