ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އާ ޝިޕްމަންޓެއް ލިބި، ގޭސް ލިބުމުގައި ދިމާވި ދަތިތައް އެއްކޮށް ހަލުކޮށްފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ. މި ޝިޕްމަންޓާއެކު ބާޒާރުގައި ގޭސް ލިބުމަށް އޮތް ތަދިކަން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.
އެސްޓީއޯ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގޭހުގެ އާ ޝިޕްމަންޓެއް ހޯމަ ދުވަހު ރާއްޖެ ގެނެސް ބާޒާރުގައި ކުރިމަތިވެފައިވާ ދަތިތައް ހަލުކޮށްފައިވާ ކަމަށެވެ. އަދި މި ޝިޕްމަންޓާއެކު ރާއްޖެ ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަސްޓަމަރުންނަށް އެއްވެސް ދައްޗެއް ނެތި ގޭސް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގޭހުގެ ދަތިކަން ކުރިމަތިނުވެ ހުރިހާ ކަސްޓަމަރުންނަށް ގޭސް ލިބޭނެކަން ކަށަވަރު ކުރުމަށް 10 ކިލޯގެ ގޭސް ފުޅި ވިއްކުން ކުރިން އޮތީ ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ. އެއީ ގޭހުގެ އާ ޝިޕްމަންޓެއް ލިބެންދެނެވެ.
ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ސަރުކާރުން ދަނީ ވަރުގަދަ ކުރަމުންނެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމުގައި އެސްޓީއޯ އިން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް ހިދުމަތްތައް މެދުނުކެނޑި ދިނުމަށް އެ ކުންފުނިން އިސްކަންދޭނެއެވެ.
