2026 ވަނަ އަހަރު ބާއްވާ އިންޓަނޭޝަނަލް ޓޫރިޒަމް ފެއާ ތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިޒިޓް ރާއްޖެ ކޯޕަރޭޝަން (ވީއެމްސީ) އިން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލީ ދުނިޔޭގެ އެކި މާކެޓްތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށާއި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށެވެ.

ވީއެމްސީން ބުނީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކޮށްފާނެ އަސަރުތައް ބަލައި، އެކަންކަމަށް ތައްޔާރުވަމުންދާ ކަމަށެވެ. މިގޮތުން ސްޓްރެޓީޖިކް ފިޔަވަޅުތައް އެޅުމާއި، ސިނާއަތުގެ ބައިވެރިންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމަށް ބުންޏެވެ.

2026 ވަނަ އަހަރުގެ ތެރޭގައި ޗައިނާ، އިންޑިއާ، ތައިލެންޑް އަދި ޔޫރަޕްގެ އެކި ގައުމުތަކުގައި ބާއްވާ އިންޓަނޭޝަނަލް ފެއާ ތަކުގައި ރާއްޖެއިން ބައިވެރިވާނެއެވެ. މީގެ ތެރޭގައި އަޒަރުބައިޖާން، ވިއެޓްނާމް، ކަޒަކިސްތާން، އިންޑޮނޭޝިއާ، ސިންގަޕޯރ އަދި އިޓަލީގައި ބާއްވާ ހަރަކާތްތައް ހިމެނެއެވެ.

"މި ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނެއްގެ ގޮތުގައި ބޭއްވުމާއި، މާކެޓްތައް އިތުރުކުރުމެވެ،" ވީއެމްސީން ބުންޏެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އިންޓަނޭޝަނަލް ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ދިނުމަކީވެސް މީގެ މަގުސަދެއް ކަމަށް ބުންޏެވެ.

ވީއެމްސީން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ސިނާއަތުގެ ބައިވެރިންނާ ގުޅިގެން ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށެވެ. އަދި ޓޫރިޒަމް ސިނާއަތަކީ ހަރުދަނާ އަދި ކުރިއަރާ ސިނާއަތެއްގެ ގޮތުގައި ބޭއްވުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.