ޖެނީވާގައި ބޭއްވި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގައި، އިޒްރޭލުން ހިންގަމުންދާ އުދުވާނީ އަމަލުތަކަށް ހުއްޓުމެއް ގެނެސް ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލައިފިއެވެ. ދިވެހި ސަރުކާރުން ވަނީ އިޒްރޭލުގެ އަމަލުތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ދެއްވި ބަޔާނުގައި ބުނީ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ބައިނަލްއަގުވާމީ ގާނޫނުގެ އުސޫލުތައް ހުރިހާ ފަރާތްތަކެއްގެ މައްޗަށް ހަމަހަމަކޮށް ހިނގަން ޖެހޭނެ ކަމަށެވެ. އެއްވެސް ގައުމަކަށް ބައިނަލްއަގުވާމީ ގަވާއިދުތަކާ ހިލާފަށް އަމަލުކުރުމުގެ ހައްގު ލިބިފައި ނުވާނެ ކަމަށާއި، އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރުމަކީ ކޮންމެ ގައުމަކަށް ވެސް ލާޒިމު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ބައްދަލުވުމުގައި ޑރ. ސަލްމާ ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކަށް ވަރަށް ސާފުކޮށް ވަކާލާތުކޮށްފައެވެ. އަމިއްލަ ދައުލަތެއް ގާއިމުކުރުމުގެ ހައްގާއި، ސުލްހައިގައި އުޅުމުގެ ހައްގު އަދި އަމިއްލަ ބިމާއި ވަސީލަތްތަކުގެ މައްޗަށް ބާރު ހިންގުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ދިނުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން 1993 ވަނަ އަހަރުގެ ވިއެނާ ޑިކްލަރޭޝަނާ އެއްގޮތަށް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ވެސް ރާއްޖެއިން ބާރުއެޅިއެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ދިވެހި ސަރުކާރުން އިއްވި މި ބަޔާނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ނަގަމުންދާ އިސްނެގުންތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް އދ. އާއި އޯއައިސީ ފަދަ ޕްލެޓްފޯމްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ.