ބީއެމްއެލް އިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިމާރާތްކުރާ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުލި ހުންނާނީ ގާތްގަނޑަކަށް 10،000 ރުފިޔާގައި ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ވިލިމާލެ އާއި ހުޅުމާލޭގެ ތަފާތު ސަރަހައްދުތަކުގައި ޖުމްލަ 3،260 ފްލެޓު އިމާރާތްކުރާ މި މަޝްރޫއަކީ މާލޭ ސަރަހައްދުގައި ފްލެޓުގެ ބޮޑު ކުލީގެ ދަތިތަކަށް ފަރުވާ ހޯދައިދިނުމަށް ފަށާފައިވާ މުހިންމު ފިޔަވަޅެކެވެ.
އެމްއެމްއޭ އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ މަގުސަދުތައް ހާސިލުކުރުމަށް ބީއެމްއެލް އިން އުފެއްދި ސަބްސިޑިއަރީ ކުންފުނި "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން" ގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ބިންގާ މިދިޔަ ހޮނިހިރު ދުވަހު ވަނީ އަޅައިފައެވެ. ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި 1،224 ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މި ބިންގާއާ އެކު ރަސްމީކޮށް ފަށާފައިވަނީ ދިވެހި ރައްޔިތުންނަށް އެ މީހުންގެ އާމްދަނީއަށް ފެތޭ އަގުތަކުން ގެދޮރުވެރިކަން ހޯދައިދިނުމުގެ ވިސްނުމުގައެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކޮށް މިކަން ހާމަކުރަމުން ސީއީއޯ ޝަރީފް ވިދާޅުވީ، އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ ކުލި އަދި ފައިނަލް ވެފައި ނެތް ނަމަވެސް، މިހާރު ހިސާބުކުރަމުންދާ ވަރުން ބަލާއިރު އެ އެޕާޓްމަންޓުތަކުގެ ކުލި ހުންނާނީ ގާތްގަނޑަކަށް 10،000 ރުފިޔާގައި ކަމަށެވެ. ބާޒާރުގައި މިހާރު ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުލި އުޅެނީ 25،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގައި ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ ފްލެޓުތައް 10،000 ރުފިޔާއަށް ދޫކުރެވުމަކީ ރައްޔިތުންނަށް ބޮޑު ލުޔަކަށް ވެގެންދާނެ ކަމަށެވެ. މި ހިސާބަށް ބަލާއިރު މި މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ކުލި ހުންނާނީ ބާޒާރުގައި މިހާރު އުޅޭ އަގަށް ވުރެ 60 ޕަސަންޓު ދަށް ވަރެއްގައި ކަމަށް ބެލެވެއެވެ.
ބީއެމްއެލްގެ މި ބޮޑު މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 1 އާއި ފޭސް 3 އަދި ވިލިމާލޭގައި ޖުމްލަ 3،260 ހުސް ތިން ކޮޓަރީގެ އެޕާޓްމަންޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ފޭސް 3 ގައި ސީއެމްއީސީ އަށް ހަވާލުކޮށްފައިވަނީ 1،224 ހައުސިން ޔުނިޓް އަޅަން ކަމަށް ވާއިރު، އެ ސަރަހައްދުގައި ބީޔޫސީޖީ އަށް ހަވާލުކޮށްފައިވަނީ 1،190 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަން އިން 364 ހައުސިން ޔުނިޓާއި، އެފް ޑަބްލިއު ކޮންސްޓްރަކްޝަން އިން 182 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަވާލުވެފައެވެ. ވިލިމާލޭގައި 300 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އަށް ހަވާލުކޮށްފައިވާއިރު، މި ހުރިހާ ޔުނިޓުތަކެއް ވެސް އިމާރާތްކުރުމަށް ކުރިއަށްދާ މަސައްކަތްތައް މިހާރު ވަނީ ފަށައިފައެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހައުސިން ޔުނިޓްތައް އާންމުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ "ލީސް-ޓު-އޯން" ނުވަތަ ކުލި ދައްކައި ހަލާސްކުރުމުން މިލްކުވާ މޮޑެލްގެ ދަށުންނެވެ. މިއީ ރާއްޖޭގައި އަލަށް ތައާރަފުކުރާ ހައުސިން މޮޑެލެއް ކަމަށް ވާއިރު، އެ މޮޑެލްގެ ދަށުން ރައްޔިތުންނަށް ލިބިގެންދާނީ އާމްދަނީއަށް ފެތޭ އަގުތަކުން ކުލި ދައްކަމުން ގޮސް، ކުލި ފުރިހަމަވުމުން އެ ފްލެޓު މިލްކުވެގެންދާނެ ފުރުސަތެވެ. މިއީ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ވާއިރު، މާލޭ ސަރަހައްދުގެ ފްލެޓުތަކުގެ ކުލީގެ އަގު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ބީއެމްއެލްގެ މި މަޝްރޫއަކީ މެދު އާމްދަނީގެ ދިވެހި އާއިލާތަކަށް އިގްތިސާދީ ލުޔެއް ހޯދައިދޭނެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
