އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ބެންޖަމިން ސްޓޭކްހައުސް އަދި ސީ ފަޔާ ގްރިލް އިން ވަނީ އާދަޔާހިލާފު އަގުބޮޑު ބުއިމެއް ތައާރަފުކޮށްފައެވެ. ވާސޭލްސް ވެލޯގެ ނަން ދީފައިވާ މި ހޮޓް ޗޮކްލެޓް ތަށްޓެއްގެ އަގަކީ އެއް ހާސް ޑޮލަރެވެ. މިއީ އާދައިގެ ހޮޓް ޗޮކްލެޓަކާ ހިލާފަށް، ކެއުމަށް ބޭނުންކުރާ ސައުވީސް ކެރެޓުގެ ރަނާއި، ދުނިޔޭގެ އެންމެ އަގުބޮޑު ބުއިންތައް ބޭނުންކޮށްގެން ތައްޔާރުކުރާ ވަރަށް ހާއްސަ ބުއިމެކެވެ.
މި ބުއިން އުފެއްދީ ބާޓެންޑަރު ވިކްޓާ ޑެޑޫޝާޖެވެ. އޭނާ މިކަން ކުރީ ހޮޓް ޗޮކްލެޓަށް ލޯބިކުރާ ކަސްޓަމަރެއްގެ އަނބިމީހާއަށް ވަރަށް ހާއްސަ ސަޕްރައިޒެއް ދިނުމުގެ ބޭނުމުގައެވެ. ތިން ލޭޔަރަކަށް ހަދާފައިވާ މި ބުއިމުގައި މޮޒާޓް ޑާކް ޗޮކޮލެޓް ލިކިއޯ އާއި އެސްޕްރެސޯ އަދި ކިރުގެ އިތުރުން، ވަރަށް އަގުބޮޑު ހެނެސީ ރިޗަޑް އަދި ގްރޭންޑް މާނިއާ ކުއިންޓެސެންސް ހިމެނެއެވެ. އަދި މީގެ މައްޗަށް އަޅާފައިވާ ކްރީމްގައި ރަން ހުންނައިރު، މީގެ އެންމެ މަތީގައި ރަނުން ޒީނަތްތެރިކޮށްފައިވާ ޗޮކްލެޓް އެއްޗެއް ވެސް އިންނާނެއެވެ.

މި ބުއިމުގެ އަގު އެހާ ބޮޑުވެފައިވަނީ މީގައި ބޭނުންކޮށްފައިވާ އަގުބޮޑު ބާވަތްތަކުގެ ސަބަބުންނެވެ. މި ބުއިން ތައާރަފުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ހައިރާންކަން ފާޅުކުރަމުންނެވެ. އެގޮތުން ބައެއް މީހުން މިއީ މާ ބޮޑަށް އިސްރާފުކުރުން ކަމަށް ބުނާއިރު، އަނެއް ބަޔަކު ދަނީ މިހާ އަގުބޮޑުކޮށް މި ގަންނަނީ ކޮން ބައެއްތޯ ސުވާލު އުފައްދަމުންނެވެ. މިއީ މުއްސަނދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ތަފާތު ތަޖުރިބާއެކެވެ.
