ދަތުރުވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭނެ އިންތިޒާމު އެމްއޭސީއެލް އިން މިއަދުން ފެށިގެން ހަމަޖައްސައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ، އާ ޓާމިނަލް ބޭނުންކުރަން ފެށުމާއެކު ޓެކްސީ ހޯދަން ދުރަށް ހިނގަން ޖެހޭތީ ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށެވެ.
އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމަށްފަހު އެ ސަރަހައްދުގައި އޮތް ޓެކްސީ ކިއު އުވާލިއެވެ. އެހެންކަމުން ޑޮމެސްޓިކް ދަތުރުތަކުގައި އަންނަ މީހުން ޓެކްސީއަކަށް އެރުމަށްޓަކައި ދާން ޖެހެނީ އިންޓަނޭޝަނަލް އެރައިވަލްއާ ހަމައަށެވެ. މިއީ ލަގެޖާއެކު ދަތުރުކުރާ މީހުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމެކެވެ. ކުރިން ޑޮމެސްޓިކް ޓާމިނަލުން ނުކުމެ ވަރަށް ކައިރިން ޓެކްސީ ލިބުނު ނަމަވެސް، ފަހުން ގެނައި ބަދަލާއެކު ގިނަ ބަޔަކު ދިޔައީ މިކަމަށް ލުޔެއް ހޯދައިދިނުމަށް އެދެމުންނެވެ.
މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެމްއޭސީއެލް އިން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ކުންފުނިން ބުނީ ޑޮމެސްޓިކް ޓާމިނަލްގެ އެރައިވަލް ކުރިމަތިން، ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ހާއްސަ ސަރަހައްދެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. މި ސަރަހައްދުގައި ފަހަރަކު ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ހުންނާނެއެވެ.
މީގެ އިތުރުން، ޑޮމެސްޓިކް ޑިޕާޗާ ކުރިމަތިންވާ ސަރަހައްދު ވަނީ ފަސިންޖަރުން ޓެކްސީއަށް އެރުމަށް ހާއްސަކޮށްފައެވެ. އެމްއޭސީއެލް އިން ބުނީ އެ ތަނުގައި ފަހަރަކު ފަސް ޓެކްސީއަށް މަޑުކުރެވޭނެ ޖާގަ ހަމަޖައްސާފައިވާނެ ކަމަށެވެ. މި ބަދަލާއެކު، އެއާޕޯޓު ބޭނުންކުރާ ދިވެހިންނަށާއި ޓޫރިސްޓުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.
