ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުންނާއި ވިޔަފާރިތަކަށް މިދިޔަ އަހަރު ވިއްކި ޑޮލަރުގެ އަދަދު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 70 ޕަސަންޓު އިތުރުވެއްޖެއެވެ. މިއީ ބޭންކުން ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، 2025 ވަނަ އަހަރު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 565 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިގުތިސާދަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމެއްކަން އޭނާ ފާހަގަކުރިއެވެ.
ކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލާއެކު، ކަސްޓަމަރުން ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ބޭންކުން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ އަހަރު ބީއެމްއެލް ކާޑުތަކުން އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސް ހިމެނޭހެން ރާއްޖެއިން ބޭރުން ކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 524 މިލިއަން ޑޮލަރަށް އަރައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 200 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ.
މީގެ އިތުރުން ވިޔަފާރިތަކަށް ވެސް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ކުރިން ވިޔަފާރިތަކަށް ބޭނުންވާ ޓީޓީއަށް ދޫކުރެވެނީ 5 ޕަސަންޓު ކަމަށް ވިޔަސް، މިދިޔަ އަހަރު ތެރޭގައި ބޭންކުން ވަނީ ވިޔަފާރިތަކުން ހަދާ ޓީޓީއަށް ޑޮލަރު ދޭ މިންވަރު 50 ޕަސަންޓާ ހަމައަށް އިތުރުކޮށްދީފައެވެ.
މި ގެނެވުނު ހެޔޮ ބަދަލުތަކާއެކު ބޭންކަށް ވެސް، ވިޔަފާރިތަކަށް ވެސް އަދި އާންމު ފަރުދުންނަށް ވެސް އޭގެ މަންފާ ކުރަމުންދާ ކަމަށް ޝަރީފު ބުންޏެވެ.
