ބަންގްލަދޭޝްގެ ފަންސާސް ފަސް ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީން އަދި އާ ބޮޑުވަޒީރު ތާރިގް ރަހްމާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ މި ދެ ބޭފުޅުންނަށް ވަކިވަކިން ތަހުނިޔާގެ މެސެޖުތައް ފޮނުއްވާފައެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ ސާޅީސް އަށް އަހަރު ފުރޭކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެ ގައުމުގެ ގުޅުމަކީ އިހުތިރާމާއި އެއްގޮތް އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ވިޔަފާރި އާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ އަދި ފަންނީ ރޮނގުން ބަންގްލަދޭޝް އިން ރާއްޖެއަށް ދޭ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމަށް މަންފާ ކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ސަރަހައްދީ ސުލްހަ އާއި ހަމަޖެހުމަށް ދެ ގައުމުން ވެސް އިސްކަންދޭކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަ އާއި ތަނަވަސްކަމަށް އެދިވަޑައިގަތެވެ.
