ރާއްޖޭގައި އިންވެސްޓުކުރާ ބޭރުގެ ފަރާތްތަކަށް ހާއްސަކޮށްގެން ދޭން ނިންމާފައިވާ "ޕާލް ރެސިޑެންސީ ވިސާ" އަންނަ އޭޕްރީލް މަހު ތައާރަފުކުރުމަށް ސަރުކާރުން ތައްޔާރުވާން ފަށައިފިއެވެ. މިއީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ދިގު މުއްދަތަކަށް ތިބެވޭނެ މަގު ފަހިކޮށްދިނުމަށް ފަށާ މުހިންމު ޕްރޮގްރާމެކެވެ.

މި ވިސާ ޕްރޮގްރާމަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ ބޭނުމުގައި ފަށާ މަސައްކަތެކެވެ. މި ޕްރޮގްރާމް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މި ދާއިރާގައި ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސް އާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރު ރައީސް ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި އިންވެސްޓަރުންގެ ފޯރަމްގައެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި ޕްރޮގްރާމް ތައާރަފުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ރެސިޑެންސީ ވިޔަފާރިއެއް ތައާރަފުކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މި ވިސާއަކީ ދުބާއީ ފަދަ ތަންތަނުގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކާ އެއްގޮތް ޕްރޮގްރާމެއް ކަމަށެވެ. "އަޅުގަނޑުމެންގެ ޓާގެޓަކީ އެޕްރީލް މަހު ޕާލް ރެސިޑެންސީ ދިވެހިރާއްޖޭގައި ތައާރަފުކުރުން. ބައެއް ފަރާތްތަކުން މީތި އަޅާ ކިޔާ، ދުބާއީގައި ކުރިއަށް ގެންދާ ގޯލްޑެން ވިސާ ޕްރޮގްރާމާއި،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން އުއްމީދުކުރާ ގޮތުގައި މި އާ ވިސާ ޕްރޮގްރާމާ އެކު ރާއްޖެއަށް ބޭރުގެ ފައިސާ ވަންނާނެ އާ ދޮރުތަކެއް ހުޅުވޭނެއެވެ. އަދި މިއީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.